ޚަބަރު

ބިލުގައި ހުރި ގިނަކަންކަން ސަރުކާރުންދަނީ ތަންފީޒުކުރަމުން، ބޭނުންވަނީ ޤާނޫނީ ބާރުވެރިކަން


ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލުގައި ހުރި ގިނަ ކަންކަން މިހާރުވެސް ސަރުކާރުން ތަންފީޒު ކުރަމުންދާކަމަށާއި، ބޭނުންވަނީ މިކަންކަމަށް ޤާނޫނީ ބާރުވެރިކަމެއް ދިނުން ކަމަށް ގަލޮޅު އުތުރުދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީއެވެ. ބިލު ހުށަހަޅުއްވަމުން ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ކޯވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށާއި، ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށްޓަކައި، ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް މިހާރުން މިހާރަށް ކޮންމެހެން ގެންނަންޖެހޭ ވަގުތީ ބަދަލުތައް ގެނެސް، އެކަންކަމާ ގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އުސޫލުތައް، ވަގުތީ ޤާނޫނަކުން ކަނޑައެޅުންކަމަށެވެ.

މިބިލަށް ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ބިލުގައި ހުރި ގިނަ ކަންކަން މިހާރުވެސް ސަރުކާރުން ތަންފީޒު ކުރަމުންދާކަމަށެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ކާބޯތަކެތީގެ ދަތިކަން ހުރި ބޭފުޅުންނަށް އެކަން ކަށަވަރުކުރުމާއި، ޞިއްޚީ ރައްކާތެރިކަމާއި، ހާލުގައިޖެހޭ މީހުންނަށް އެހީތެރިވުންފަދަ އެތައްކަމެއް ކަށަވަރުކޮށްދެއްވަމުންދާކަމަށެވެ.

ނަމަވެސް މިހާލަތާއި ގުޅިގެން ޤާނޫނީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަންވެސް މަދު ނޫންކަމަށާއި ވަޒީފާ ގެއްލޭ ފަރާތްތަކަށް އިނާޔަތެއް ދިނުމާއި، ކުލި ނުދެއްކިގެން ގެއިން ނުނެރެވޭނެ ގޮތެއް ކަޑައެޅުމާއި، އެފަދަ ފަރާތްތަކަށް ދެވޭ އިނާޔަތްތަކަކީ ޤާނޫނީ ގޮތުން ބާރުލިބިގެން ފޯރޮކޮށްދޭންޖެހޭ /ޚިދުމަތްތަކަކަށް މިހާލަތުގައި ވެގެންދާންޖެހޭކަމަށް ޤަބޫލުކުރައްވާކަމުގައި އީވާ ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދެއްކެވި މެމްބަރުންވަނީ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މިބިލާއި މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ބިލްތަކާވެސް ފުށޫއަރާ ކަންތައްތަކެއް ހުރުމުން، އެއްބިލު އަނެއްބިލާއި ފުށޫނާރާނެ ގޮތަކަށް ބިލަށް އިސްލާހު ގެންނަންޖެހޭކަމަށެވެ. ބައެއް މެމްބަރުންވަނީ ބިލުގެ ނަންއޮތް ގޮތުންވެސް ބިލުން ހާސިލްކުރަންބޭނުންވާ ކަންކަމާއި ދިމާނުވާ ގޮތްތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިބިލަކީ އިޖުތިމާއީ ރައްކާތެރިކަމުގެ ބިލެއްކަމަށެވެ. އަދި މިހާރުވެސް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މިބިލުގައި ހުރި މުހިންމު ކަންތައްތަކުގެ ތެރޭގައި:


- ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރެގެންނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް ދެމަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ފުރުސަތުދިނުން. އަދި ކުއްޔަށް ދޭ ފަރާތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުލި ދެއްކުމުން ބަރީޢަނުވުން.
- ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް މެދުކަނޑާލައިގެންނުވުން.
- ކޯވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުން.
- ކޯވިޑް-19 އާ ގުޅިގެން ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތް ފަރާތްތަކަށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދިނުން.
- ކޯވިޑް-19 އާ ގުޅިގެން މުވައްޒަފުންނަށް ޚާއްޞަ ސަލާމާއި ޢާއިލީ ޒިންމާގެ ޗުއްޓީއާއި އެނޫންވެސް ޚާއްޞަ ޗުއްޓީ ދޭންވާނެ ކަމަށް ބިލުގައި ކަނޑައަޅައި، މުވައްޒަފުންނަށް ޗުއްޓީ ހަމަޖައްސައިދިނުމަކީ ވަޒީފާ ދޭ ފަރާތަށް ލާޒިމު ކަމެއް ކަމުގައި ކަނޑައެޅުން.
- މުވައްޒަފުންގެ މުސާރައަށް ބަދަލުގެނައުމަށް، ނުވަތަ މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުމަށް ނުވަތަ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމަށް ހުއްދަވާނެ ޙާލަތްތަކަކީ، ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރެއް ކޮށްފައިވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުން އައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރައާއި ޢިނާޔަތްތައް ދެމުން ނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ޙާލަތައް.
- ޓެކުހާ ގުޅޭގޮތުން ލުއިތައް ދެވޭނެ ގޮތާއި އެކަމާގުޅޭ އުޞޫލުތަކާއި ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް މައްސަލަތައް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުން.

މި ބިލު އެކުލަވާލާފައިވަނީ، ކޯވިޑް-19 އާ ގުޅިގެން މެދުވެރިވެފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އަމިއްލަ ފަރުދުންނާއި ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކަށް ކުރިމަތިވެފައިވާ އެނޫންވެސް އިޖްތިމާޢީ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ޤާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް، ޚާއްޞަ ޤާނޫނެއް މެދުވެރިކޮށް ވަގުތީ ޙައްލުތަކެއް ހޯދައިދިނުމަށް އިސްކަންދީގެންކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.