ވިޔަފާރި

މިއަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރެވެނީ 980000 ފަތުރުވެރިން


ކޯވިޑް-19އާ ގުޅިގެން މިއަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާ ކުރެވެނީ 980000 ފަތުރުވެރިންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.7 މިލިއަން ފަތުރުވެރިން ކަމަށެވެ. އެހެން ނަމަވެސް މިއަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 42 އިންސައްތަ ދަށް އަދަދެކެވެ.

ކޯވިޑް-19އާ ގުޅިގެން މިއަހަރުގެ މަރޗުމަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި އެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ.

މިއާއެކު މި އަހަރުގެ ފުރަތަމަ 4 މަސްދުވަސްތެރޭ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 646092 ފަތުރުވެރިންނެވެ. އެހެން ނަމަވެސް މިއަހަރުގެ ފުރަތަމަ 4 މަސްދުވަސްތެރޭ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 382760 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު40 އިންސަތަ ދަށްއަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ދަނީ ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްއެމްޕީއާރުސީއާއި ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ދަނީ ކުރަމުންނެވެ.

މިއަހަރަކީ ސަރުކާރުން ފަތުރުވެރިކަމަށް ބޮޑު އަމާޒެއް ހިފި އަހަރެކެވެ. މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމާއެކު ސަރުކާރުން މިއަހަރު 2 މިލިއަން ފަތުރިވެރިން ގެނައުމަށް އަމާޒު ހިފިއެވެ. އެހެންނަމަވެސް، ކޯވިޑް-19 ގެ ސަބަބުން އިޤްތިސާދީ ބޮޑެތި ގެއްލުންތައް ލިބެމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން މިވަނީ ޖެހިފައެވެ.