ދުނިޔޭގެ 135 ޤައުމަކަށް 140 މިލިއަނަށްވުރެ ގިނަ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯއިން ހާމަކޮށްފިއެވެ. ޑަބްލިއު.އެޗް.އޯއިން މިކަން ހާމަކޮށްފައިވަނީ ކޯވިޑް-19ގެ ދުނިޔޭގެ އެންމެފަހުގެ ޙާލަތާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް އެޖަމިއްޔާއިން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.
ޑަބްލިޔު.އެޗް.އޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ، ޤައުމުތަކަށް ބޭނުންވާ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް، ޕީ.ޕީ.އީއާއި ލެބޯޓްރީ ޑައިގްނޯސްޓިކްސް ފޯރުކޮށްދިނުމުގެ މަސައްކަތް އެޖަމިއްޔާއިން ހުއްޓުމެއްނެތި ކުރަމުންދާކަމަށެވެ. އެގޮތުން މެޑިކަޕް ސަޕްލައީޒް ބޭނުންވާ ޤައުމުތަކަށް އެޖަމިއްޔާގެ އޮންލައިން ޕްލެޓްފޯމް "ކޯވިޑް-19 ސަޕްލައި ޕޯޓަލް" މެދުވެރިކޮށް އެހީތެރިކަމަށް އެދެވޭނެކަމަށް ޓެޑްރޮސް ވިދާޅުވިއެވެ. އަދި މިހާތަނަށް ދުނިޔޭގެ 48 ޤައުމަކުން 92 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މެޑިކަލް ސަޕްލައިގެ އެހީ ފޯރުކޮށްދިނުމަށް ޕޯޓަލް މެދުވެރިކޮށް އެޖަމިއްޔާއަށް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޓެޑްރޮސް ވިދާޅުވީ، ދުނިޔޭގެ 135 ޤައުމަކަށް 140 މިލިއަނަށްވުރެ ގިނަ ޕީ.ޕީ.އީ ސާމާނު ޝިޕް ކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރުވެސް އެޖަމިއްޔާއިން ކުރަމުންދާކަމަށެވެ. މީގެ ތެރޭގައި 14،000 އަށްވުރެ ގިނަ އޮކްސިޖަން ކޮންސެންޓްރޭޓާސްއާއި އެތައް މިލިއަން ޓެސްޓް ކިޓްތައް ހިމެނޭކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ.
"މިހާރުވެސް 140 މިލިއަނަށްވުރެ ގިނަ ޕީ.ޕީ.އީ ސާމާނު 135 ޤައުމަކަށް ޝިޕް ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. މީގެ ތެރޭގައި ހިމެނޭނެ ކްރިޓިކަލް މީހުންނަށް އޮކްސިޖަން ދިނުމަށް ބޭނުންވާނެ 14،000 އަށްވުރެ އޮކްސިޖަން ކޮންސެންޓްރޭޓާސްއާއި، ފަރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ބޭނުންވާނެ އެތައް މިލިއަން ޕީ.ޕީ.އީއާއި ޓެސްޓް ކިޓްތައް. މެޑިކަލް ސަޕްލައި ބޭނުންވާ ޤައުމުތަކުން ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދެންވީ. އެއްވެސް ޤައުމެއްގެ އަސާސީ ސިއްހީ ހިދުމަތްތަކަށް މެދުކެނޑުމެއް އަތުވިޔަނުދޭން ކުރެވެން ހުރި މަސައްކަތްތައް މިޖަމިއްޔާއިން މިދަނީ ކުރަމުން" ޓެޑްރޮސް ވިދާޅުވިއެވެ.
ޓެޑްރޮސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ކޯވިޑް-19ގެ ސަބަބުން ކޮށްފައިވާ އަސަރުތައް ދެނެގަތުމުގެ ސާވޭއެއް އެޖަމިއްޔާއިން ކުރަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް 82 ޤައުމަކުން މަޢުލޫމާތު އެއްކުރެވިފައިވާއިރު، އޭގެތެރެއިން ދެބައިކުޅަ އެއްބައި ޤައުމުތަކުގައި އިންޕޭޝަންޓް ނުވަތަ އައުޓްޕޭޝަންޓް ނުވަތަ ކޮމިއުނިޓީ ބޭސްޑް ކެއަރގެ ޙިދުމަތްތައް ދެވޭ މިންވަރު ވަރަށް ބޮޑުތަން މަދުވެފައިވާކަމަށެވެ. އަދި އެއްބައި ޤައުމުތަކުގައި ޑެންޓަލް ހިދުމަތްތަކާއި، ރިހެބިލިޓޭޝަން ހިދުމަތްތައް މުޅިންހެން މެދުކެނޑިފައިވާކަމަށް ޓެޑްރޮސް ވިދާޅުވިއެވެ.
މީގެ އިތުރުން ގިނަ ޤައުމުތަކެއްގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާދިނުމާއި، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމާއި، މާބަނޑުމީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތަކާއި، ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދިނުމާއި، ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާދިނުމުގައި ގިނަ ހުރަސްތަކަކާއި ކުރިމަތިލާންޖެހިފައިވާކަން ޑަބްލިޔު.އެޗް.އޯއިން ވަނީ ފާހަގަކޮށްފައެވެ. މި ހުރަސްތަކާއި ގޮންޖެހުންތައް ނައްތާލުމަށް ބައެއް ޤައުމުތަކުން ޓެލެމެޑިސިންގެ ޙިދުމަތް ދިނުމާއި، އަލްޓަނޭޓިވް ހެލްތް ފެސިލިޓީތަކަށް ބަލި މީހުން ބަދަލުކުރުމުގެ ކަންކަން ކުރަމުންދިޔަނަމަވެސް، މިފަދަ މުހިއްމު ހިދުމަތްތައް މެދުކެނޑިގެން ދިއުމަކީ އެކަމުގެ ނުރަނގަޅު އަސަރު އަހަރުތަކަކަަށް ދެމިގެންދާނެކަމެއްކަމަށް ޑަބްލިޔު.އެޗް.އޯއިން ބުނެއެވެ. އަދި ކޯވިޑް-19އިން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއެކީގައިގެން ޤައުމުތަކުގެ ހެލްތް ސިސްޓަމްތައް ހަރުދަނާކޮށް، ގްލޯބަލް ހެލްތު ސެކިއުރިޓީ ވަރުގަދަ ކުރަންޖެހޭކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.