ބޮލީވުޑްގެ އެންމެ ލޯބި އެއް ޖޯޑުގެގޮތުގައި ގިނަ ބަޔަކު ސިފަކުރާ ރިތޭޝް ދޭޝްމުކާއި ޖެނީލިއާ ދޭޝްމުކް އެމީހުންގެ ގުނަވަންތައް ހަދިޔާކުރަން ނިންމައިފިއެވެ.
ރިތޭޝްއާއި އޭނާގެ އަންހެނުން ޖެނީލިއާ މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ ޑޮކްޓަރުންގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯ މެސެޖެއްގައެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ޑޮކްޓަރުންގެ ދުވަސް ފާހަގަކުރަނީ ތަފާތު ތާރީޚުތަކުގައެވެ. އެގޮތުން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގައި މިދުވަސް ފާހަގަކުރަނީ ޖުލައި އެކެއްގައެވެ.
ހަށިގަނޑުގެ ގުނަވަންތައް ހަދިޔާކުރަން ނިންމިކަން ހާމަކުރަމުން ރިތޭޝްއާއި ޖެނީލިއާ ބުނިގޮތުގައި އެމީހުން އެކަމާމެދު ވިސްނަމުންދާތާ ދުވަސްތަކެއް ވެފައިވާކަމަށާއި، ގިނަ މަޝްވަރާތަކެއް ކުރެވުނުނަމަވެސް، އޭރު އެކަމާގުޅޭގޮތުން ވަކިގޮތެއް ނިންމާފައިނުވާކަމަަށެވެ. ނަމަވެސް ޑޮކްޓަރުންގެ ދުވަހު ދެމަފިރިންވެގެން ގުނަވަން ހަދިޔާކުރަން ނިންމާ، ބުނެފައިވަނީ އެމީހުން ދެކޭގޮތުގައި އެއް އިންސާނަކަށް އަނެއް އިންސާނަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ދިރި ހުރުމުގެ ފުރުޞަތުކަމަށެވެ. އަދި ގުނަވަންތައް ހަދިޔާކުރުމަކީ އިންސާނިއްޔަތަށްޓަކައި ކޮށްދޭވެނެ އަގުހުރި ކަމެއްގެގޮތުގައި ދެކޭނަމަ، އެކަންކުރުމަށް ރިތޭޝްއާއި ޖެނީލިއާ ވަނީ ގޮވާލާފައެވެ.
ރިތޭޝްއާއި ޖެނީލިއާ ބޮލީވުޑަށް ތަޢާރަފުވެފައިވަނީ އެކުގައެވެ. އެއީ 2003 ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ފިލްމް "ތުޖޭ މޭރީ ކަސަމް" އިންނެވެ. އެފަހުން ދެ ތަރިން ލޯބީގެގޮތުން ގުޅިގެން ގިނަ އަހަރުތަކެއް ވަންދެން އުޅުމަށްފަހު ކައިވެނީގެ ގޮށްޖަހާފައިވަނީ 3 ފެބްރުއަރީ 2012 ގައެވެ. ދެތަރިން އެކުގައި 3 ފިލްމް ކުޅެފައިވެއެވެ.
ރިތޭޝްއާއި އޭނާގެ އަންހެނުންގެ މި ނިންމުމަށް ބޮލީވުޑް އާއިލާއަށް ނިސްބަތްވާ އެކި ފަރާތްތަކުން އަންނަނީ މަރުޚަބާ ކިޔާ، ހިތްވަރުދެމުންނެވެ.
މި ދެތިންގެ އިތުރުންވެސް ބޮލީވުޑްގެ ބައެއް ނަން މަޝްހޫރު ފަންނާނުންވަނީ އޯގަން ޑޮނޭޓްކުރަން ނުވަތަ ހަށިގަނޑުގެ ގުނަވަންތަ ހަދިޔާކުރަން ނިންމާ އެކަން މީގެކުރިން އިޢުލާންކޮށްފައެވެ. އޭގެ ތެރޭގައި އަމީތާބު ބައްޗާނާއި އޭނާގެ އަންހެނުން ޖަޔާ ބައްޗަން، އައިޝްވަރިޔާ ރާއީ، އާމިރު ޚާނާއި އޭނާގެ އަންހެނުން ކިރަން ރާއޯ، ސުނިލް ޝެޓީ، ރާނީ މުކަރްޖީ، ސަލްމާން ޚާން، ރިތިކް ރޯޝަން އަދި ޕްރިޔަންކާ ޗޯޕްރާ ފަދަ މަޤުބޫލު ސެލެބްރިޓީން ހިމެނެއެވެ.