ޚަބަރު

މަބުރޫކާއި އެކު އެންއީއޯސީގެ ދަތުރު ނިންމާލީ އަމާންކޮށް


ކޯވިޑް-19ގެ ނުރައްކާތެރި ބިރުވެރި ޙާލަތުގައި ދިވެހިންވަނީ ހިތްނުތަނަވަސްވާފަދަ ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެ. ދުނިޔެއަށް މުޅިން އައު އަދި ގޮތްނޭގޭ ބަލިމަޑުކަމުގެ ނުރައްކާ ސީނުކަރައިން ފެށި ޤައުމުތަކުގެ ބޯޑަރުތައް ފަހަނައަޅައި މިކުޑަކުޑަ ދިވެހިރާއްޖެ އާއި ހަމައަށް ފޯރިއެވެ. ދިވެހިރާއްޖެވެގެން ގޮސްފައި ވަނީ މި ބަލިމަޑުކަމަށް ދުރާލާ ތައްޔާރުވެ ސަލާމަތީ ފިޔަވަޅުތައް އެޅި ޤައުމަކަށެވެ. ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗްއޯގެ އިރުޝާދާއިއެކު ރާއްޖެއިން ވަނީ ކޯވިޑް-19 އާއި ދެކޮޅަށްކުރި ހަނގުރާމާގައި ސަރަހައްދީ ގޮތުންނާއި ބައިނަލްއަޤްވާމީ ގޮތުންވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ދިވެހި ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އެންމެ ފުރަތަމަ ދުވަހުވެސް އަދި މިއަދުވެސް ވިދާޅުވަނީ، މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސް ބަހަކީވެސް އަދި އެންމެ ފަހު ބަހަކީވެސް ސިއްޙީ މާހިރުންގެ ބަސްކަމަށެވެ.

ކޯވިޑް-19ގެ ހަނގުރާމާގައި ބޮޑެތި ގެއްލުންތައް ލިބުނު ޤައުމުތަކުގައި އެ ޙާލަތައް އެޤައުމުތައް ވެއްޓުން ގޮތަށް ބަލާއިރު، އެ ޤައުމުތަކު ރައްޔިތުންނަށް ބަލިމަޑުކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ނުގެނެސްދެވުން ހިމެނެއެވެ.

އެހެންނަމަވެސް ރާއްޖޭގައި މި ޙާލަތު މުޅިން ތަފާތެވެ. އަޅުގަނޑުމެން އެންމެންނަށް ޤައުމުގެ ހާލަތު އެނގެއެވެ. ހިތުގައި އުފެދޭ އެންމެ ބޮޑެތި ސުވާލުތަކުން ފެށިގެން އެންމެ އާއްމު ސުވާލުތަކުގެ ޖަވާބު އަޅުގަނޑުމެންނަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދިޔައީ ލިބެމުންނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19އަށް ފައްސިވި ކޭސް ފެނުނު 7 މާރޗް އަކީ އެތައް ގޮތަކުން ތާރީޚީދުވަހެކެވެ. ހެލްތް މިނިސްޓްރީގައި މަސައްކަތްކުރަމުންދިޔަ ޓީމްތައް ފުޅާކޮށް އެތަކެއް ގިނަ މުޢައްސަސާތައް ގުޅިގެން "ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ"ގެ ނަމުގައި މި ބަލި ކޮންޓްރޯލްކުރުމައްޓަކައި މަސައްކަތް ފެށި ދުވަހެވެ. އަދި އެރޭ އަޅުގަނޑުމެންގެ ދުލަށް މިއަދު ފަރިތަވެފައިވާ "އެންއިއޯސީ"ގެ އެންމެ ފުރަތަމަ ޕްރެސްކޮންފަރެންސް ބޭއްވިއެވެ. އަދި އެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނެއްގެ ގޮތުން ރައީސް އޮފީސްގެ ކޮމިއުނިކޭޝަންސް އަންޑަރ ސެކެޓްރީގެ މަޤާމުގައި ހުންނަވާ މުހައްމަދު މަބްރޫކް ޢަޒީޒް އައްޔަނުކުރައްވާ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އެކަން ޢިއުލާނުކުރެއްވިއެވެ. އެއަށްފަހު މަބުރޫކުވެގެން ގޮސްފައި ވަނީ ކޯވިޑް-19ގެ ހާލަތުގެ ދިވެހިންގެ ހިތްތަކުގައި ޚާއްސަ މަޤާމެއް ހޯއްދެވި ބޭފުޅެއްގެ ގޮތުގައެވެ.

އެންއީއޯސީން ބޭއްވި އެންމެފަހުގެ ޕްރެސްކޮންފަރެސްއަކީ މަބްރޫކަށް ޚާއްސަ ޕްރެސްކޮންފަރެންސެއްކަން ހެލްތް މިނިސްޓަރ އަބްދުﷲ އަމީންވެސް ވަނީ ފާހަގަކުރައްވާފައެވެ. ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވި ގޮތުގައި، އޭނާއަށް އެންމެ ހިތްދަތިކަން ލިބިފައި ވަނީ ކޯވިޑް-19ގެ ބަލީގައި މީހަކު މަރުވުމުގެ ހިތްދަތި ޚަބަރު އާންމުންނަށް ދޭންޖެހޭ ވަގުތުއެތަކުގައެވެ.

"ވަރަށް ބޮޑަށް ވިސްނަން ޖެހޭކަހަލަ ސުވާލެއް ތި ކުރެއްވީ. އަޅުގަނޑުމެން މި މަސައްކަތް ކުރިއިރުގައި، ފުރަތަމަ އަދި ޚާއްސަކޮށް މި މަސައްކަތް ފެށިގެން އައިރުގައި އަޅުގަނޑުމެން ކުރިމަތިލީ ވަރަށް ބިރުވެރި ނުރައްކާތެރި ދުވަސްތަކަކާ. އިނގިވަޑައިގަންނަވާނެ މި ބަލި ފެތުރިގެން އަންނަ އިރު ޑޮކްޓަރުން އޭރު އަންދާޒާކުރެއްވި ރާއްޖޭގެ ޙާލަތައް ރިޢާޔަތްކޮށް ލައްކައެއްހާ މީހުންނަށް މި ބަލިޖެހިދާނެކަމަށް ރަނގަޅަށް ފިޔަވަޅު ނޭޅިއްޖެނަމަ. ފަހުގެ ޕްރޮޖެކްޝަންތައް ކުޑަކުރެވުނު. އަޅުގަނޑުމެވެސް އޮޕަރޭޝަން ދިޔައީ ދަސްކުރަމުން. އަޅުގަނޑަށް އެންމެ އުނދަގޫވާ ދުވަސްތަކަކީ، މަޢުލޫމާތު ހޯދަންވެސް މަޢުލޫމާތު ޑެލިވަރކުރަންވެސް މި ބަލީގައި މީހަކު މަރުވާ ދުވަސްތައް" މަބްރޫކް ރޭގެ ޕްރެސްކޮންފަރެންސްގައި ވިދާޅުވިއެވެ.

މަބްރޫކްގެ އެންއީއޯސީގެ ފަހު ޕްރެސްކޮންފަރެންސް ނިންމަވާލެއްވީ އަސަރުގަދަ މެސެޖުތަކަކަކުންނެވެ. މި މަސައްކަތުގައި ބައިވެރިވި ގުނާ އަދަދު ނުކުރެވޭ މަސައްކަތްތެރިންގެ ނަން ވަކިވަކިން ފާހަގަކުރައްވަމުންނެވެ. އެގޮތުން އެ ޑޮކްޓަރުންގެ ނަން ނުދަންނަ އެތައް ޑޮކްޓަރުންނެއްގެ ނަން މިއަދު ދިވެހިންގެ ދޫތަކަށް މިވަނީ ފަރިތަވެފައެވެ. އެގޮތުން ކޮންމެ ރެޔަކުވެސް އެންމެ ފަހުގެ މަޢުލޫމާތުކާއި އެކު ވަޑައިގަންނަވާ ޑރ. އިބްރާހިމް އަފްޒަލް އާއި، ޑރ. ނަޒްލާ ރަފީޤް، ޑރ. ނަޒްލާ މުސްތަފާ، ޑރ. ޝީނާ، ޑރ. މޫސާ މުރާދް، ޑރ. މޫސާ ހުސައިން، ޑރ. ނަޒީމް ފަދަ ޑޮކްޓަރުންގެ ނަން މަބްރޫކްގެ ޝުކުރުގެ ލިސްޓްގައި ހިމެނުއްވިއެވެ.

މި ލިސްޓް މި ނިމުނީކީ ނޫނެވެ. މަބްރޫކްވަނީ އެ ބޭފުޅުންގެ ޓީމުން މަޢުލޫމާތު ހިއްޕަވައިގެން ރައްޔިތުންނާ ބައްދަލުކުރާއިރު، ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގުވެސް ވަޒަންކުރައްވާފައެވެ. އެގޮތުން ރައީސް އޮފީހުގެ ޓީމާއި، ޕީއެސްއެމްގެ ޓެކްނިކަލް މުއައްޒަފުންގެ އިތުރުން އެންއީއޯސީގެ އެކި އޮޕަރޭޝަތަކުގައި މަސައްކަތްކުރެއްވި ބޭފުޅުންގެ ނަން ފާހަގަކުރެއްވިއެވެ. އެގޮތުން އާރްއާރްޓީ ޓީމުގެ މަސައްކަތްތަކާއި، ދިވެހި ރެޑްކްރެސެންޓް އަދި މީގެ އިތުރުންވެސް ދަރުމަވެރިންގެގޮތުގައި ދަރުމައައްޓަކައި މަސައްކަތްކުރެއްވި ފަރާތްތަކުގެ ނަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި މުޅި މުޖުތަމަޢުއަށް މި މަޢުލޫމާތު ހިއްސާކުރެއްވުމަށް ސައިން ލޭންގުއޭޖް އިންޓަޕްރޭޓަރސްގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ނަން މަބްރޫކްގެ ޝުކުރުގެ ލިސްޓްގައި ޙާއްސަ ޖާގައެއް ދެއްވިއެވެ. އެހެންނަމަވެސް، އެންމެ ފަހުން މި ލިސްޓު ނިންމަވާލެއްވީ މަބްރޫކް އެބަޔަކާއެކު އެންމެގާތުން މަސައްކަތްކުރައްވާ ނޫސްވެރިންގެ ވާހަކަ ފާހަގަކުރައްވަމުންނެވެ.

"އަޅުގަނޑު އެންމެ އުފާވީ އަޅުގަނޑުމެން އޮންލައިންކޮށް ޕްރެސްކޮންފަރެންސްތައް ބާއްވަން ފެށުމުން އަޅުގަނޑުމެންނަށް ރާއްޖެގެ އެކި ކަންކޮޅުތަކުގެ މީޑިއާތައް މިދެންނެވީ އެކި ރަށްރަށުގެ ވަކި ވަކި މީޑިއާތަކާއި ވާހަކަދައްކާލާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލެވުމުން. މި ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނުކަމުގައި އުންމީދުކުރަން" ޕްރެސްކޮންފަރެންސް ނިންމާލަމުން މަބްރޫކް ވިދާޅުވިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕރޭޝަން ސެންޓަރުގެ މަސައްކަތްތައް ނިންމާލައި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީ މިހާރުވަނީ އުފައްދަވާފައެވެ. މިއާއެކު މަބްރޫކާއި ޙަވާލުވި ޒިންމާ ފުރިހަމާއެކު އަދާކުރައްވައި މަބްރޫކް ވަޑައިގެންނެވުމުން ދެން ނޫސްވެރިންގެ ބައްދަލުވުންތައް ކުރިޔަށްދާނީ އެހެން ބޭފުޅުންނާއި އެކުގައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕރޭޝަން ސެންޓަރުގެ މަސައްކަތްތައް ނިމިގެން ދިޔައިރު، އެއީ އެތައް ސަތޭކަ ބައެއް ގެ ބުރަ މަސައްކަތެވެ. އެމަސައްކަތްތައް އަދި ނިމުނީއެއް ނޫނެވެ. އައު އާއްމު ހާލަތެއްގައި ކޯވިޑް-19 އިން ސަލާމަތްވެ ދިރިއުޅެން މިވަނީ ޖެހިފައެވެ.

މިކަންކަމުން ފިލާވަޅު ލިބިގަނެ މިއަދު މިވަނީ އަޅުގަނޑުމެން އެންމެން ކޯވިޑް-19 ފަދަ އިތުރު ބިރުވެރިކަމެއް ދިވެހި ޤައުމަށް އަޔަ ނުދީ ހިފަހައްޓަންށެވެ. ދިވެހިން އެ ރިވެތި އާދަތަކަށް މަޝްހޫރު އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަންމަތީ އެހެނަސް އިޖުތިމާޢީ ގައިދުރުކަންމަތީ މި ޤައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދަވަން ހިންފަވާށެވެ.