މުނިފޫހިފިލުވުން

ލިބުނު ރޯލާއި މެދު ހިތްހަމަނުޖެހިގެން އަދިއްތިޔާ "އޭކް ވިލަން-2" ދޫކޮށްލައިފި


"އޭކް ވިލަން-2"އިން ލިބުނު ރޯލާމެދު ހިތްހަމަނުޖެހިހެން ބޮލީވުޑްގެ އަރަމުން އަންނަ ޒުވާންތަރި އަދިއްތިޔާ ރޯއީ ކަޕޫރު އެ ފިލްމް ދޫކޮށްލައިފިއެވެ.

އަދިއްތިޔާ މި ފިލްމް ދޫކޮށްލާފައި ވަނީ ފިލްމުގެ ޑައިރެކްޓަރ މޯހިތު ސޫރީ އާއި ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުންކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދިއްތިޔާ ވަނީ މޯހިތުގެ ފިލްމުތަކުގައި މީގެކުރިންވެސް މަސައްކަތްކޮށްފައެވެ.

2013 ވަނަ އަހަރު ރިލީޒްކުރި އަސަރުގަދަ ލޯބީގެ ފިލްމް "އާޝިގީ-2" ވެފައިވަނީ އަދިއްތިޔާގެ ފިލްމީ ކެރިއަރ މުޅިން ބަދަލުކޮށްލުވި ފިލްމަކަށެވެ. އެފަހުން ދެމީހުންގެ ދެމެދު ރަނގަޅު ގުޅުމެއް އުފެދިފައިވާއިރު، މޯހިތުގެ ފިލްމަކުން އަދިއްތިޔާ އެންމެފަހުން ފެނިފައިވަނީ މިއަހަރުގެ ފެބްރުއަރީމަހު ރިލީޒްކުރި "މަލަންގް" އިންނެވެ. އެ ފިލްމްވަނީ ބޮލީވުޑް ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސްއަށްވުރެ ބޮޑު ޢާމްދަނީއެއް ހޯދާފައެވެ.

"އޭކް ވިލަން-2" އިން އަދިއްތިޔާއަށް ރޯލެއް އޮފާކުރުމުން އޭނާ ފުރަތަމަ ހުރީ ވަރަށް އުފަލުންނެވެ. އެގޮތުން "މަލަންގް" ގައި ދައްކުވައިދިން ރޯލަށްވުރެ މާ ފުރިހަމަ ރޯލެއް މި ފިލްމުން ގެނެސްދެވޭނެކަމަށް އަދިއްތިޔާ ކުރިން ޤަބޫލުކުރިއެވެ. ނަމަވެސް އޭނާގެ ކެރެކްޓަރ ޑިވެލޮޕްކުރުމާއި، ފިމްމުގެ ސްކްރިޕްޓާއި ގުޅޭގޮތުން ޑައިރެކްޓަރ މޯހިތުއާދެމެދު ޚިޔާލުތަފާތުވުންތައް ގިނަވެ، އެކަމުގައި އެއްބަސްވުމަކާއި ހިސާބަށް ނުދެވުމުގެ ސަބަބުން އަދިއްތިޔާ ވަނީ މިހާރު އެ ރޯލު ދޫކޮށްލާފައެވެ. މިއީ ޕްރޮފެޝަނަލްގޮތުން ނިންމި ނިންމުމެއްކަމަށާއި، މިކަމުގެ ސަބަބުން އަދިއްތިޔާއާއި މޯހިތުގެ ގާތްގުޅުމަކަށް އެއްވެސް އަސަރެއްކޮށްފާނެކަމަށް ނުބެލެވޭކަމަށް އަދިއްތިޔާގެ ގާތް ފަރާތަކުން ބުނެފައިވެއެވެ. އަދި އަދިއްތިޔާގެ މި ނިންމުމަށް މޯހިތު ވަނީ އިޙްތިރާމުވެސް ކޮށްފައެވެ.

އަދިއްތިޔާގެ އިތުރުން، ދެން މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނީ ޖޯން އަބްރަހަމް، ދިޝާ ޕަޓާނީއާއި އަދި ތާރާ ސުތާރިއާއެވެ. ކޯވިޑް-19ގެ ސަބަބުން ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތްތައް އަދި ފެށޭވަރުވެފެއްނުވެއެވެ. ނަމަވެސް އަދިއްތިޔާގެ މި ނިންމުމުގެ ސަބަބުން ފިލްމުގެ މަސައްކަތްތަކަށް އިތުރު ލަސްވުންތަކެއް އަންނާނެކަމަށް ބެލެވެއެވެ. "އޭކް ވިލަން-2"އަކީ 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމް "އޭކް ވިލަން"ގެ ސީކުއަލްއެކެވެ. އަދިއްތިޔާ އޭނާގެ ރޯލު ދޫކޮށްލާފައިވާތީ، މި ފިލްމުން ކުރީގެ ފިލްމުގައި ލީޑު ރޯލުން ފެނިގެންދިޔަ ސިދާތު މަނޯތުރާ ފެނިދާނެތޯ މިއީވެސް މިހާރު ބައެއް ފަރާތްތަކުން އުފައްދާ ސުވާލެކެވެ.