ވިޔަފާރި

"ކަރެކްޝަން" ޖޭ.ވީތައް ފޮނުވުމުގެ މުއްދަތު އިތުރުކޮށްދީފި


ދައުލަތުގެ އޮފީސްތަކުން ހިސާބުތަކަށް ބަދަލުގެނައުމަށް "ކަރެކްޝަން" ޖޭ.ވީތައް ފޮނުވުމުގެ މުއްދަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ކޮންމެ އަހަރެއް ނިމުމުން ދައުލަތުގެ އޮފީސްތަކުން ޕަބްލިކް އެކައުންޓިންގ ސިސްޓަމުން އެ އޮފީހެއްގެ ޓްރާންސެކްޝަން ތަފްޞީލް ބެލުމަށްފަހު ގެންނަންޖެހޭ ބަދަލުތަކަށް "ކަރެކްޝަން ނުވަތަ އެމެންޑްމަންޓްސް" ހެދުމަށްފަހު ޖެހިގެން އަންނަ އަހަރުގެ 11 ޖަނަވަރީގެ ކުރިން ޖޭ.ވީތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހެއެވެ. ނަމަވެސް މިއަދާ ހަމަޔަށްވެސް ބައެއް އޮފީސްތަކުން 2019 ވަނަ އަހަރުގެ ހިސާބުތަކަށް ބަދަލުގެނައުމަށް "ކަރެކްޝަން " ޖޭ.ވީތައް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

އެހެންކަމުން ކޯވިޑް-19 ގެ ސަބަބުން އޮފީސްތަކުގެ މަސައްކަތްތައް ކުރުމަށް ހުރި ގޮންޖެހުންތަކަށް ރިޢާޔަތްކޮށް 2019 ވަނަ އަހަރުގެ ހިސާބުތަކަށް ބަދަލުގެނައުމަށް "ކަރެކްޝަން" ޖޭ.ވީތައް ފޮނުވުމުގެ މުއްދަތު މިމަހުގެ 14ގެ ނިޔަލަށް ވަނީ އިތުރުކޮށްދެވިފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. އެ މިނިސްޓްރީން ވިދާޅުވީ އެ ތާރީހުގެ ފަހުން ފޮނުވާ ޖޭ.ވީތައް ބަލައި ނުގަނެވޭނެ ކަމަށެވެ.