ޓާކިޝް އެއަރލައިންގެ ކާގޯ ފްލައިޓެއްގައި ރާއްޖެއިން 36.4 ޓަނުގެ މަސް އެކްސްޕޯޓުކޮށްފިއެވެ.
މިއީ މިއަހަރުތެރޭ މިހާ ގިނަ އަދަދެއްގެ މަސް އެއް ފްލައިޓެއްގައި ރާއްޖެއިން ބޭރުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ ހަފްތާތެރޭވެސް ޓާކިޝް އެއަރލައިންގެ ކާގޯ ފްލައިޓެއްގައި ރާއްޖެއިންވަނީ 33.4 ޓަނުގެ މަސް އެކްސްޕޯޓުކޮށްފައެވެ.
ޓާކިޝް އެއަރލައިންގެ މި ފްލައިޓުގައި ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވާ މަހުގެ ބާވަތްތައް ދާނީ ޔޫރަޕްގެ ޤައުމުތަކަށެވެ. އެގޮތުން މި ފްލައިޓުގައި 35.3 ޓަނުގެ ތާޒާ ފިނިކުރި މަހާއި، 1.1 ޓަނުގެ ދިރޭ މަސް ވަނީ އެކްސްޕޯޓުކޮށްފައެވެ.
ކޯވިޑް-19އާ ގުޅިގެން ދަތުރުފަތުރުކުރުމަށް އައި ހުއްޓުމާއެކު ޓާކިޝް އެއަރލައިނުން ރާއްޖެއަށް ކާގޯ ފްލައިޓު ދަތުރުތައް ފަށާފައިވަނީ މިދިޔަ އޭޕްރީލްމަހުއެވެ. އެގޮތުން ކޮންމެ ހަފްތާއަކު ތުރުކީގެ އިސްތަންބޫލުން ފުރައިގެން ސްރީލަންކާގައި ޓުރާންސިޓް ކުރުމަށްފަހު ރާއްޖެއަށް ކާގޯ ދަތުރުތަކެއް ކުރުމަށް ރާވާފައިވާކަމަށް އެ އެއަރލައިނުން ބުނެއެވެ.
ޓާކިޝް އެއަރލައިންގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓު އެކްސްޕަޑައިޓް މޯލްޑިވްސްއިން ބުނާގޮތުން މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާވެރިންނަށް މުދާ ގެނައުމަށް ފަސޭހަވެގެންދާނެއެވެ. އަދި ޔޫރަޕާއި، އެމެރިކާ އާއި މެދުއިރުމަތީގެ ހިސާބުތަކަށް މުދާ އެކްސްޕޯޓުކުރުމަށާއި އެހިސާބުތަކުން ރާއްޖެއަށް ތަރުކާރީ އާއި މޭވާ އާއި ސިއްޙީ ސާމާނުތައް ގެނައުމަށްވެސް ފަސޭހަވާނެކަމަށް އެކުންފުނިން ބުނެއެެވެ.
މިދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 777-300 މަރުކައިގެ މަތިންދާބޯޓެވެ. މި ބޯޓުތަކުގައި 42 ޓަނުގެ މުދާ އުފުލޭނެކަމަށް އެކްސްޕަޑައިޓް މޯލްޑިވްސްއިން ބުނެއެވެ.
ޓާކިޝް އެއަރލައިނަކީ ފުޅާ ދާއިރާއެއްގައި ކާގޯ ފްލައިޓްތައް އޮޕަރޭޓުކުރާ އެއަރލައިނެކެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ޓާކިޝް އެއަރލައިނުން ރާއްޖެއަށް ފަސިންޖަރުންނާއެކު ކުރާ ދަތުރުތައް ވަނީ ހުއްޓާލާފައެވެ.