ވިޔަފާރި

ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު ވަނީ 50 އިންސައްތަ ދަށްވެފައި- އެމްޕީއެލް


ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު 50 އިންސައްތަ ދަށްވެފައިވާކަމަށް އެމްޕީއެލުން ހާމަކޮށްފިއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން " ޓެކްލިންގ ނިއު ޗެލެންޖަރސް އިން ޝިޕިންގ އެންޑު ލޮޖިސްޓިކްސް" ގެ ނަމުގައި ބޭއްވި ވެބިނަރގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު މިހާރުދަނީ ވަރަށް ބޮޑަށް ދަށްވަމުން ކަމަށެވެ.

ޝާހިދު ވިދާޅުވީ މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް ކަމަށާއި، ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކޮށް، ގިނަ އަދަދެއްގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާ ކަމަށެވެ. އަދި މިއަހަރަށް ލަފާކުރީ 12 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖެ ފުރަބަންދަކަށް ދިޔުމާއި ހަމައަށް މުދާ އެތެރެކުރާ މިންވަރު ހުރީ ރަނގަޅު އަދަދެއްގައި ކަމަށާއި އެހެން ނަމަވެސް ފުރަބަންދަށް ދިޔުމަށްފަހު އަދި މިއަދާ ހަމައަށްވެސް މުދާ އެތެރެކުރާ މިންވަރު ނުވަތަ ކާގޯ ވޮލިއުމް ދަނީ ދަށްވަމުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

"ޗައިނާ ލޮކްޑައުންއަކަށް ދިޔުމާއި ގުޅިގެން ރާއްޖެއަށް އަންނަ މުދާ ދަށްވާން ފެށި، އެހެން ނަމަވެސް ރާއްޖެ ލޮކްޑައުންއާ ހަމައަށް ދާންވެފައި އޮތްއިރު ރޯދަމަސް އޮތީ ކައިރިވެފައި، ދެން ވަރަށް ގިނަ އަދަދަކަށް އެސެންޝިއަލްސް ރާއްޖެއަށް އެތެރެކޮށްފައިވޭ، އެހެން ނަމަވެސް ލޮކްޑައުންވުމަށްފަހު ދެން ހަމަ ކާގޯ ވޮލިއުމްސް ދަނީ ދަށްވަމުން"، ޝާހިދު ވިދާޅުވިއެވެ.

މުދާ އެތެރެކުރާ މިންވަރު ދަށްވުމާއެކު ކުންފުންޏަށް ލިބެމުންދާ ފައިދާވެސް ވަނީ ދަށްވެފައި ކަމަށާއި މާލީގޮތުން ކުންފުންޏަށްވާ ގެއްލުން ކުޑަ ކުރުމަށް ކުންފުނީގެ ޙަރަދުތައް ކުޑަކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ލިބޭ އާމްދަނީއަކުން ކުންފުނީގެ ޚަދަރުތައް ފޫބެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ކޯވިޑް-19އާ ގުޅިގެން ދަތުރު ފަތުރުކުރުންތައް ވަނީ މަޑުޖެހިފައެވެ. ގިނަ ޤައުމުތަކަކުން ފުރަބަންދުތައް ތަންފީޒްކޮށްފައިވާއިރު، ޤައުމުން ބޭރު ކުރާ މުދަލުގެ އަދަދުތައް ވަނީ ދަށްވެފައެވެ. މިއާއެކު ރާއްޖެފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމުތަކަށް މީގެ އަސަރުތައް ދަނީ ކުރަމުންނެވެ.