ޚަބަރު

އެފްއޭއެމްގެ މުވައްޒަފަކު ޕޮޒިޓިވްވެ، މުވައްޒިފުންނާއި ނޫސްވެރިން ކަރަންޓީނަށް


ފުޓުބޯޅަ އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމްގެ) މުވައްޒަފަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެފްއޭމްގެ މުވައްޒަފުންނާއި، އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ގޭގައި ކަރަންޓީންވުމަށް އަންގައިފިއެވެ.

އެފްއޭއެމްގެ މުވައްޒަފަކު ޕޮޒިޓިވްވުމާއި ގުޅިގެން 14 ދުވަހަށް ގޭގައި ކަރަންޓީންވުމަށް އަންގަފައިވަނީ އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވި ބައެއް މީހުންނާއި، ކޮންގްރެސް އޮތް ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިންނަށެވެ. މި ދެ ހަރަކާތުގައިވެސް އެފްއޭއެމްއިން ކޯވިޑް19 އަށް ޕޮޒިޓިވްވި މީހާ ވަނީ ބައިވެރިވެފައެވެ.

އެފްއޭއެމްއިން ކޯވިޑަށް ޕޮޒިޓިވްވި މުވައްޒަފު މިހާރު ހުރީ ކަރަންޓީން ފެސިލިޓީއެއްގައެވެ. ކޯވިޑް19 އަށް މީހަކު ޕޮޒިޓިވްވެއްޖެނަމަ ޕޮޒިޓިވްވާ މީހާއާއި ސީދާ ދިމާވާ މީހުން 14 ދުވަހުގެ ކަރަންޓީންގައި ތިބެންޖެހޭކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

ކޯވިޑް19 އަށް އަޅާފައިވާ ފިޔަަވަޅުތަކާއިއެކީ ގިނަ ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން އާންމު ބައްދަލުވުންތަކާއި، ޖަލްސާތަކާއި، އެކިއެކި ހަރަކާތްތައް ގައިދުރުކަމާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ގެންދިއުމުގެ ހުއްދަ ވަނީ ދީފައެވެ.