ދިވެހިންގެ މެދުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ސީރީޒެއްކަމަށްވާ "ދަ ޗިލިންގ އެޑްވެންޗަރ އޮފް ސަބްރީނާ"ގެ 4 ވަނަ ޕާޓާއެކު، ސީރީޒް އެއްްކޮށް ހުއްޓާލަން ނެޓްފްލިކްސްއިން ނިންމައިފިއެވެ.
ނެޓްފްލިކްސްއިން މި ސީރީޒް ކެންސަލް ކުރަން ނުވަތަ ހުއްޓާލަން ނިންމާފައިވާކަން ސީރީޒްގެ ރަސްމީ ޓުވިޓަރ އެކައުންޓުން ވަނީ ކަށަވަރުކޮށްދީފައެވެ. މިއާއެކު ސީރީޒްގެ އެންމެފަހު ޗެޕްޓަރގެ އެޕިސޯޑްތައް މިއަހަރު ފަހުކޮޅު ނެޓްފްލިކްސްއިން ދައްކާނެކަމަށްވެސް ބުނެފައިވެއެވެ. އަދި 4 ވަނަ ޕާޓުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކެއް ޓުވިޓަރގައި ހިއްސާކޮށްފައިވެއެވެ.
މި ސީރީޒްގެ ޝޯވރަނަރ ރޮބާޓޯ އެގިރޭ ސިކާސާ ބުނެފައިވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ސީރީޒްގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދިއުމަކީ އޭނާއަށް ފަހުރެއްކަމަށާއި، މިއީ ތަފާތު ކަންތައްތަކެއް ދަސްވެގެންދިޔަ ޕްރޮޖެކްޓެެއްކަމަށެވެ. އަދި ސީރީޒްގެ ކާސްޓުން ފެށިގެންގޮސް ކްރޫއާއި، ލިޔުންތެރިންނާއި، އެޑިޓަރުން، މި ސީރީޒް ކާމިޔާބު ސީރީޒަކަށް ހެދުމަށް ކުރި މަސައްކަތް ޝުކުރުވެރިކަމާއެކު އޭނާ ވަނީ ފާހަގަކޮށްފައެވެ.
ސުޕަރނެޗުރަލް ހޮރޯ ޖޯންރާގެ މި ސީރީޒަކީ ހަމަ މިނަމުގައި 2014 ވަނަ އަހަރު ނެރެންފެށި އާރޗީ ކޮމިކް ބުކް ސީރީޒް އަސްލަކަށް ބަލައިގެން އުފައްދާ ސީރީޒެކެވެ. 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު މަސައްކަތް ފެށުނު މި ސީރީޒް ފުރަތަމަ އުފައްދަން ނިންމީ "ރިވަޑޭލް"ގެ ކޮމްޕޭނިއަން ސީރީޒެއްގެގޮތުގައި "ދަ ސީ ޑަބްލިއު ޓެލެވިޜަން ނެޓްވޯކް"ގައި ދައްކާގޮތަށެވެ. ނަމަވެސް އެ އަހަރުގެ ޑިސެމްބަރުމަހު މި ޕްރޮޖެކްޓް ނެޓްފފްލިކްސްއަށް ނަގާ، ވަކި ވެބްސީރީޒެއްގެ ގޮތުގައި އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސީރީޒްގެ މެއިން ކެރެކްޓަރކަމަށްވާ ސަބްރީނާގެ ރޯލުން ފެނިގެންދަނީ އެމެރިކާގެ އެކްޓްރެސްއެއްކަމަށްވާ ކިއެނަން ޝިޕްކާއެވެ.
"ދަ ޗިލިންގ އެޑްވެންޗަރ އޮފް ސަބްރީނާ"ގެ ފުރަތަމަ ޗެޕްޓަރ ނެޓްފިލްކްސްއިން ދައްކަން ފަށާފައިވަނީ 26 އޮކްޓޯބަރ 2018 ގައެވެ. ދެވަނަ ޗެޕްޓަރގެ އެޕިސޯޑްތައް 5 އޭޕްރީލް 2019 ގައި ރިލީޒްކޮށްފައިވާއިރު، 3 ވަނަ ޗެޕްޓަރގެ އެޕިސޯޑުތައް ނެޓްފިލްކްސްއިން ދައްކަން ފަށާފައިވަނީ 24 ޖެނުއަރީ 2020 ގައެވެ. 4 ވަނަ ޗެޕްޓަރއާއެކު މި ސީރީޒް ހުއްޓާލަން ނެޓްފްލިކްސްއިން މިހާ ކުއްލިގޮތަކަށް ނިންމުމުން، މި ޝޯވގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ. މި ޝޯވގެ ފައިނަލް އެޕިސޯޑުތައް މިއަހަރުގެ ފަހުކޮޅު ރިލީޒްކުރާނެކަމަށް ނެޓްފްލިކްސްއިން ބުނެފައިވާއިރު، އެޕިސޯޑުތައް ދައްކަން ފަށާނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައެއްނުވެއެވެ.