ތުރުކީވިލާތް މެދުވެރިކޮށް ސޫރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާ މަގުތައް އިތުރު ހަ މަސް ދުވަހަށް ބޭނުންކުރުމުގެ ޙުއްދަ ހޯދުމަށް އދގެ ސަލާމަތީ މަޖިލީހުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެއެވެ.
ފާއިތުވި ހަ އަހަރު ދުވަހު ސޫރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުގެ ދަށުން ތުރުކީވިލާތުގެ މަގުތައް ބޭނުންކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ޙުއްދަ ދީފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށެވެ. ތުރުކީވިލާތުގެ ދެ މަގަކުން ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޙުއްދަ އިތުރު އެއް އަހަރު ދުވަހަށް ދިނުމަށް ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން ރަޝިޔާއާއި ޗައިނާއިންވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދައިފައެވެ.
އދގެ ސަލާމަތީ މަޖިލީހުން ހަށަހެޅުމެއް ފާސްކުރެވޭނީ މެންބަރު 15 ޤައުމުގެ ތެރެއިން 9 ޤައުމުގެ ތާޢީދު ލިބިގެންނެވެ. ނަމަވެސް އެއްވެސް ހުށަހެޅުމަކަށް މަޖިލީހުގެ ދާއިމީ މެންބަރުންގެ ގޮތުގައި ހިމެނޭ ރަޝިޔާއާއި ޗައިނާއާއި އެމެރިކާއާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ދެކޮޅު ހަދައިފިނަމަ އެ ހުށަހެޅުމެއް ފާހެއް ނުކުރެވޭނެއެވެ.
އެއް އަހަރު ދުވަހަށް ޙުއްދަ އިތުރުކުރުމުގެ ހުށަހެޅުމަށް ދެކޮޅުހެދުމަށްފަހު ރަޝިޔާއިންވަނީ ސޫރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ މަގެއް ބޭނުންކުރުމުގެ ޙުއްދަ ކުރިއަށް އޮތް ހަ މަސް ދުވަހަށް ދިނުމަށް ހުށަހަޅައިފައެވެ. ނަމަވެސް އެ ހުށަހެޅުމަށް ތާޢީދުކުރީ އެންމެ 4 ޤައުމަކުންނެވެ. އެއަށްފަހު ތުރުކީވިލާތުގެ ދެ މަގެއް ބޭނުންކުރުމުގެ ޙުއްދަ ހަ މަސް ދުވަހަށް ދިނުމަށް ޖަރުމަނުވިލާތާއި ބެލްޖިއަމުން ގުޅިގެންވަނީ ހުށަހަޅައިފައެވެ. ނަމަވެސް ޙުއްދައިގެ މުއްދަތު ހަމަވާން ވަގުތުކޮޅަކަށް ވެފައިވަނިކޮށް އެ ހުށަހެޅުމަށްވެސް ރަޝިޔާއިންވަނީ ދެކޮޅު ހަދައިފައެވެ. އެއާއެކު ސޫރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ދުވަސްކޮޅަކަށް މެދުކެނޑިގެންދާނެއެވެ.
ރަޝިޔާގެ ނިންމުމަކީ އިންސާނިއްޔަތާ ޚިލާފު ޢަމަލެއްކަމަށް ގިނަ ބަޔަކުވަނީ ސިފަކޮށްފައެވެ. އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީގެ ރައީސް ޑޭވިޑް މިލިބަންޑު ވިދާޅުވީ ރަޝިޔާގެ ނިންމުމާއެކު ސޫރިޔާގެ ރައްޔިތުންނަށާއި އދއަށް ކުރިމަތިވެފައިވަނީ ބަނަ ދުވަސްތަކެއްކަމަށެވެ.