ސިއްހީ ހިދުމަތް ދިނުމާއިބެހޭ ކަންކަން ކަނޑައެޅުމަށް ހުށައަޅާފައިވާ ސިއްހީ ޚިދުމަތްދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ފާސްކޮށްފިއެވެ.މިބިލް އިޖްތިމާއީ ކޮމިޓީން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.މި ބިލަކީ ސިއްހީ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި، ސިއްހީ ހިދުމަތްދޭ ތަންތަނުން އަދި އެތަންތާންގައި މަސައްކަތްކުރާ ފަރާތްތަކުން ޚިދުމަތްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، އެ ފަރާތްތަކުގެ ޒިންމާތައް ބަޔާންކުރުމާއި، އެނޫންވެސް ސިއްހީ ހިދުމަތް ދިނުމާއިބެހޭ ކަންކަން ކަނޑައަޅާފައިވާ ބިލެކެވެ.ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަައެޅުއްވި މި ބިލްގެ ބޭނުމަކީ ދިވެހިރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތް ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނެމަގު ފަހިކުރުމާއި، ސިއްހީ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމެވެ. އަދި ސިއްހީ ހިދުމަތްދޭ ތަންތަނުން އަދި އެތަންތާންގައި މަސައްކަތްކުރާ ފަރާތްތަކުން ޚިދުމަތްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި، ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިދޭ ހައްގުތަކާއި އެ ފަރާތްތަކުގެ ޒިންމާތައް ބަޔާންކުރުމާއި، އެ ނޫނަސް ސިއްހީ ހިދުމަތް ދިނުމާއިބެހޭ ކަންކަން ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުން ކަަމަށް މި ބިލުގައި ބުނެފައިވެއެވެ. މި ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދު ތަކުގެ ތެރޭގައި ސިއްހީ ހިދުމަތްދިނުމުގެ ޤައުމީ ނިޒާމެއް ގާއިމުކުރުމާއި، ދިވެހިރާއްޖޭގައި ސިއްހީ ޚިިދުމަތްދޭ ފަރާތްތަކުން ހިދުމަތްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކަށައެޅުން ހިމެނެއެވެ. އަދި ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޤާއިމުކުރާ ތަންތަނާއި، ހިދުމަތްތަކާއި، ވަސީލަތްތަކާއި، ފަސޭހަތައް، ދެމެހެއްޓެނިވި އުސޫލަކުން ހިންގުންމާއި، ދައުލަތުން ފޯރުކޮށްދޭ ސިއްހީ ހިދުމަތަކީ އެންމެންނަށް ވާސިލްވެވޭނެ ރައްކާތެރި ފެންވަރު ރަނގަޅު ހިދުމަތަކަށް ހެދުން ހިމެނެއެވެ. މީގެ އިތުރުން، ސިއްހީ ހިދުމަތްދޭ އެންމެހައި ފަރާތްތަކާއި، ތަންތަނާއި އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، އަދި އެތަންތަނުންނާއި އެފަރާތްތަކުގެ ކިބައިން ސިއްހީ ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް، އެތަންތަނާއި އެފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުމުގެ އިތުރުން ދިވެހިރާއްޖޭގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ހިދުމަތްދިނުމުގައި، ގާނޫނާއި ގަވާއިދުތަކުގެ ދަށުން ހިފެހެއްޓުން ލާޒިމުކުރާ މިންގަނޑުތައް އެފަރާތްތަކުން ހިފަހައްޓަމުންދޭތޯ ބަލައި ކަށަވަރުކުރާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުންވެސް މިބިލްގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.