ޚަބަރު

ކޮމަންވެލްތު އެކްޝަން ސީރީސްގެ ފުރަތަމަ ސެޝަންގައި މިނިސްޓަރ މަޚްލޫފް ބައިވެރިވެވަޑައިގެންފި


ކޮމަންވެލްތު އެކްޝަން ސީރީސްގެ ފުރަތަމަ ސެޝަންގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ބައިވެރެވަޑައިގެންފިއެވެ.

ކޮމަންވެލްތު އެކްޝަން ސީރީސްއަކީ ކޯވިޑް-19ގެ ސަބަބުން ފަސްކޮށްފައިވާ ކޮމަންވެލްތު ޔޫތު ފޯރަމްގައި މަޝްވަރާ ކުރަން ކަނޑައެޅުނު ކަންތައްތަކަށް މަޝްވަރާކުރުމަށް އޮންލައިންކޮށް ކުރިޔަށް ގެންދާ ޚާއްސަ ސެޝަންތަކެކެވެ.

މި ސީރީސްގެ ދަށުން ބޭއްވި ފުރަތަމަ ސެޝަންގެ ތީމްއެއް ގޮތަށް ކަނޑައަޅާފައިވަނީ "ޓޭކިން ޗާޖް އޮފް އަވަރ ފިއުޗަރ" އެވެ. މި ސެޝަންގައި މިނިސްޓަރ މަޙްލޫފް ވަނީ، ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ތަފާތު ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާއިރު މިވަގުތަކީ ޒުވާނުންގެ ލީޑަރޝިޕާއި ވޮލަންޓިއަރިޒިމް ދުނިޔެއަށް އެންމެ ބޭނުން ވަގުތުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނަ ބަޔަކީ ޒުވާނުން ކަމަށްވާއިރު ކޯވިޑް-19ގެ ސަބަބުން އެތައް ހާސް ޒުވާނުންގެ ވަޒީފާ ގެއްލިފައިވާކަން ފާހަގަކުރައްވައި އެ ޒުވާނުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ތަފްސީލުވެސް މިނިސްޓަރ މަޙްލޫފް ވަނީ ހިއްސާކުރައްވާފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެެރިވަމުންދަނީ ޒުވާނުންކަން ފާހަގަކުރައްވައި މިނިސްޓަރ މަޙްލޫފް ވަނީ ޖަމްޢިއްޔާ ޖަމާއަތްތަކުން ވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މި ސެޝަންގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް އާއި ކޮމަންވެލްތު ޔޫތު ކައުންސިލްގެ ޗެއަރޕާސަން ޓިޖާނީ ކްރިސްޓިއަން ވަނީ ބައިވެރިވެވަޑައިގެން ވާހަކަދައްކަވާފައެވެ.