ވިޔަފާރި

ޑިސެމްބަރުމަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ބުކިން ހަދާ ފަރާތްތަކުގެ އަދަދު %20 އިތުރު


އަންނަ ޑިސެމްބަރުމަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ބުކިން ހަދާ ފަރާތްތަކުގެ އަދަދު މިދިޔަ އަހަރުގެ ޑިސެމްބަރުމަހާ އަޅާ ބަލާއިރު 20 އިންސައްތަ އިތުރުވެފައިވާކަމަށް ކިއޯނީން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ޓްރެވަލް އޮޕަރޭޓަރެއްކަމަށްވާ ކުއޯނީންއިން ހާމަކުރާގޮތުގައި މިއަހަރުގެ ހޫނު މޫސުމުގައި އެކި މަންޒިލްތަކަށް ދަތުރުކުރުމުގެ ބަދަލުގައި ގިނަ މީހުން ޗުއްޓީގެ ދުވަސްތައް ހޭދަކުރަމުން ދަނީ ގޭގައެވެ. އަދި އާ އަހަރާއި ދިމާކޮށް އަގު ބޮޑު ތަންތަނަށް ޗުއްޓީއަށް ދިޔުމަށް ފަތުރުވެރިން ރާވަމުންދާކަމަށް ކިއޯނީން ހާމަކުރެއެވެ.

ކުއޯނީން މީގެކުރިން ވަނީ އެކުންފުނީގެ އެންމެ ޑިމާންޑު ބޮޑު މަންޒިލަކީ ރާއްޖެކަމަށް ބުނެފައެވެ. އެގޮތުން އެކުންފުނިން ހެދި ދިރާސާއަކުންވެސް ދައްކާގޮތުން އަންނަ އަހަރު ޔޫރަޕްގެ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީއަށް ދާން ބޭނުން ވަނީ ރާއްޖެއަށެވެ. ގޫގުލް މެދުވެރިކޮށް ދުނިޔޭގެ އެކި ޤައުމުތަކުގެ މީހުން އެންމެ ގިނަ އަދަދަކަށް މަޢުލޫމާތު އޮޅުންފިލުވާފައިވާ މަންޒިލްތަކުގެ މައުލޫމާތު އެއްކޮށްފައިވާއިރު، އިނގިރޭސިވިލާތް، ޕޮލެންޑު، ރޮމޭނިއާ، ބަލްގޭރިއާ އަދި އިޓަލީ މީހުން އެންމެ ގިނަ އަދަދަށް މަޢުލޫމާތު އޮޅުން ފިލުވާފައިވަނީ ރާއްޖެއާ ގުޅޭގޮތުންނެވެ.

ޑިސެމްބަރުމަހު ރާއްޖެއަށް އައުމަށް ގިނަ އަދަދެއްގެ ބަޔަކު ބުކިން ހަދަމުންދާ ކަމަށް ކިއޯނީއިން ބުނެފައިވާއިރު، ދާދިފަހުން އެމްއޭސީއެލުންވެސް ވަނީ މިއަހަރުގެ ފިނި މޫސުމުގައި ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަރލައިންތަކުން ޝެޑިއުލް ދަތުރުތައް އިތުރުކުރަމުންދާކަމަށް ބުނެފައެވެ. ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް މިމަހުގެ 15 ވަނަ ދުވަހު ވަނީ ބޯޑަރު އަލުން ހުޅުވާލާފައެވެ. މިއާ އެކު އެއަރލައިންތަކުން ދަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަމުންނެވެ.