ޚަބަރު

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު އަންނަ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ގޮތް ހަދައިފި


މުއްދަތު ހަމަވެފައިވާ އައިޑީ ކާޑު ބޭނުންކުރެވޭ މުއްދަތު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އިތުރުކޮށްދީފައެވެ.

އެ ޑިޕާޓުމަންޓުން ވިދާޅުވީ މުއްދަތު ހަމަވާ އައިޑީ ކާޑު އަންނަމަހުގެ ނިޔަލަށް ބޭނުން ކުރެވޭނެކަމަށެވެ. މިގޮތަށް މުއްދަތު އިތުރު ކުރިނަމަވެސް އޮންލައިންކޮށް ކާޑު ހެއްދުމަށް އެދި ހުށައެޅޭނެ ކަމަށް އެ ޑިޕާޓްމަންޓުން ވިދާޅުވެއެވެ.

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑް ބޭނުންކުރުމުގެ ހުއްދަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ފުރަތަމަ ދީފައިވަނީ މިމަހުގެ ނިޔަލަށެވެ. އެ ޑިޕާޓްމަންޓުން މުއްދަތު އިތުކޮށްދީފައިވަނީ ކޯވިޑް-19 އާ ގުޅިގެން އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާ ލިބެމުންދާތީ ވީހާވެސް ބޮޑަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު މިމަސް ތެރޭގައިވަނީ އައިޑީ ކާޑު ހެއްދުމާއި އާކޮށްދިނުމުގެ ޚިދުމަތަށް އޮންލައިންކޮށް ހުށައެޅޭނެ ގޮތް ހަމަޖައްސާދީފައެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރު އިން ވިދާޅުވީ އާއި.ޑީ ކާޑު ހެދުމަށް އެދޭ ފަރާތްތަކުގެ ފަސޭހައާއި ރައްކާތެރިކަމަށްޓަކައި އައިޑީ ކާޑު ހެއްދުމަށް އެދި އެ އިދާރާގެ ވެބްސައިޓު (www.dnr.gov.mv) އިން ހުށަހެޅޭނެ ކަމަށެވެ. އަދި އައިޑީ ކާޑު ހެއްދުމަށް އެދޭ ފަރާތްތަކަށް ކާޑު ބަލާ އައުމަށް އެޕޮއިންޓުމަންޓެއް ހަމަޖައްސައި އެކަމާ ގުޅޭ މަޢުލޫމާތު ޚިދުމަތަށް އެދޭ އިރު ހުށަހަޅާފައިވާ ފޯނު ނަންބަރަށް ފޮނުވޭނެކަމަށެވެ.

ކާޑު ބަލާ ދާންޖެހޭނީ ކާޑުގެ ވެރިފަރާތެވެ. ވެރިފަރާތަށް ނާދެވޭނަމަ ފޯމު ހުށަހަޅާއިރު، ކާޑު ޙަވާލުކުރާނެ ފަރާތެއްގެ މަޢުލޫމާތާއި ސަބަބު ބަޔާންކޮށް، ވެރިފަރާތުގެ ސިޓީއެއް (ސޮޔާއެކު) ހިމަނަންޖެހޭނެކަމަށް ޑީއެންއާރުން ހާމަކުރެއެވެ.
ޑީއެންއާރުން ވިދާޅުވީ 18 އަހަރު ނުފުރޭ ކުދިންގެ ކާޑު ޙަވާލުކުރާނީ، އައި.ޑީ ކާޑު ހިފައިގެން އަންނަ އެ ކުދިންގެ ބެލެނިވެރީޔާއާއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ޤާއިމު ކޮށްފައިވާ ކަލެކްޓިންގ ސެންޓަރުތަކަށް ހުށަހަޅާ ކާޑުތައް ލިބޭނީ އެ ސެންޓަރުތަކުންނެވެ.