ޚަބަރު

ކޯވިޑް-19 : ކެލާއިން މީހަކު ޕޮޒިޓިވްވެއްޖެ


ހއ.ކެލާއިން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލްގެ ނާއިބު ރައީސް އާމިނަތު އިސްމާޢީލް ވިދާޅުވީ ޕޮޒިޓިވްވި މީހާއަކީ އެރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ފިރިހެނެއްކަމަށެވެ. މިމީހާއަކީ އެރަށުގައި ކަރަންޓީންގައި ހުރި މީހެއް ނޫންކަމަށް އާމިނަތު އިސްމާޢީލް ވިދާޅުވިއެވެ.

ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވީ އޭނާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓްކުރުމުންކަމަށެވެ. އެގޮތުން ފުރަތަމަ ޓެސްޓް ނެގެޓިވްވިކަމަށާއި، ނަމަވެސް ޕޮޒިޓިވްވީ ދެވަނަ ސާމްޕަލްކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ. އޭނާ ޕޮޒިޓިވްވުމުން އޭނާއާއި ދިމާވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި، އެޗްޕީއޭގެ ލަފާއާއި އެއްގޮތަށް ޢަމަލުކުރަމުން އަންނަކަމަށް ކެލާ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

ހއ.ކެލާއިން މީހަކު އިއްޔެ ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެވަނި ރ.އިނގުރައިދޫ މީހަކުވެސް ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ބ.އަތޮޅު ފިނޮޅުގައި މަސައްކަތްކުރާ 4 ބިދޭސީއަކުވެސް އިއްޔެ ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.