ވިޔަފާރި

7 ރަށެއްގައި މިއަހަރު އައިސްޕްލާންޓް ތަރައްޤީކުރަނީ


7 ރަށެއްގައި މިއަހަރުތެރޭގައި އައިސްޕްލާންޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވީ މިހާރު 2 ރަށެއްގައި އައިސް ޕްލާންޓު ތަރައްޤީކުރުމަށް ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލުކޮށްފައިވާ ކަމަށެވެ.

" ރަށްރަށުގައި ޤާއިމްކުރާ އައިސްޕްލާންޓުގެ ގޮތުގައި 25 ޓަނުގެ 2 އައިސްޕްލާންޓު އެޅުމަށް މިހާރުވަނީ ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލުކުރެވިފައި، އަދި މީގެ އިތުރުން މިއަހަރުތެރޭ 5 އައިސްޕްލާންޓެއް ޤާއިމްކުރުމަށް ބޭނުންވާ ފައިސާ ވަނީ ހޯދާފައި" ޒަހާ ވިދާޅުވިއެވެ.

މިއަހަރުތެރޭ އައިސްޕްލާންޓުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 7 ރަށުގެ ތެރެއިން 5 ރަށެއްގައި އައިސް ޕްލާންޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑުގެ މާލީ އެހީގައިކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މި 5 ރަށުގެ ލިސްޓު ފިޝަރީޒް މިނިސްޓްރީން އަދި ހާމަކޮށްފައެެއް ނުވެއެވެ. ނަމަވެސް އޭގެތެރޭގައި ގއ. ގެމަނަފުށީގަ އާއި ހއ.ދިއްދޫ ހިމެނޭ ކަމަށް އެމިނިސްޓްރީން ކޮމިޓީގައި ދެއްކި ވާހަކަތަކުގައި ވަނީ ބުނެފައެވެ.

މިހާރު ކޮންޓްރެކްޓަރުންނާއި މަސައްކަތް ހަވާލުކޮށްފައިވަނީ ކ. ގާފަރާއި ރ.މަޑުއްވަރީގައި ތަރައްޤީކުރާ އައިސްޕްލާންޓުގެ މަސައްކަތެވެ. މިއީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޤާއިމްކުރާ އައިސްޕްލާންޓުތަކެކެވެ. އެގޮތުން 25 ޓަނުގެ 2 އައިސްޕްލާންޓު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ވީ.އޭ.އެމް އެންޑް ކޯ ޕްރައިވެޓް ލިމިޓެޑާއެވެ.

މި އައިސް ޕްލާންޓުތަކާއި އެކު މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި މިވަގުތު ހުރި ދަތިތަކަށް ހައްލެއް ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ދެކެއެވެ.