ޚަބަރު

ކޯވިޑް-19ގެ ޙާލަތުގައި ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެލުމަށް ބޮޑު އިންސްޕެކްޝަން


ޢާންމުން އެއްވެ އުޅޭ ތަންތަނުގައި ކޯވިޑް-19ގެ ޙާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެލުމަށް ކުރިއަށްގެންދިޔަ ބޮޑު އިންސްޕެކްޝަން މިއަދު އަލުން ފަށައިފިއެވެ.

މިއިންސްޕެކްޝަންގައި މިދުވަސްވަރު މީހުން އެއްވެ އުޅޭ ތަންތަން ހުންނަން ޖެހޭ މިންގަނޑުކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ގޮތަށް ހުރި ތަންތަނާއި އެގަވާއިދާ ޚިލާފަށް ހުރި ތަންތަން ދެނެގަތުމުގެ މަސައްކަތް ކުރާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިމިންގަނޑުގެ ދަށުން ފިހާރަތަކާއި ކެޕޭ ރެސްޓޯރަންޓްތަކާއި ޖިމާއި މާރުކޭޓް ފަދަ ތަންތަނަށް މީހުން އެއް ފަހަރާއި ވަދެވޭނެ އަދަދުތައްވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން އެތަންތަނުން ޚިދުމަތް ހޯދާ މީހުން މާސްކް ނާޅާ ނުވެއްދުމާއި ހޭންޑް ސެނިޓައިޒަރ ބޭނުންކުރެވޭނެ ގޮތަށް ކަންކަން ކަނޑައެޅުމަށްވެސް އެޗްޕީއޭއިން އިރުޝާދުދީފައިވާއިރު މިކަންކަމަށް ޢަމަލުކުރޭތޯ އިންސްޕެކްޝަންގެ ތެރެއިން ބަލާނެކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ. ކޯވިޑް 19 އާއި ގުޅިގެން އައު ޢާއްމު ޙާލަތަށް ރުޖޫޢަވުމަށްޓަކައި ޢާއްމުންނަށް ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މިބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ.

މީގެކުރިންވެސް މިފަދަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު އެފަހަރުވެސް ގިނަ ތަންތަނުން އެޗްޕީއޭގެ މިންގަނޑަށް ޢަމަލުނުކުރާކަން ފާހަގަކުރެވިފައިވާކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ. އެޗްޕީއޭގެ އުސޫލްތަކާއި އެއްގޮތަށް އަމަލުކުރާކަން ފާހަގަވެފައިވަނީ ހާހެއްހާ ތަންކަމަށް މާލޭ ސިޓީން ކައުންސިލުން ކުރިން ވަނީ ހާމަކޮށްފައެވެ. މާލޭގެ މައި މާރުކޭޓުތައް ފިޔަވާ ދެން ހުރި ބައެއް ކުދި މާރުކޭޓްތަކުގެ ހާލަތު އެންމެ އެކަށޭނަ ގޮތުގައި ނެތްކަމަށާއި ބިދޭސީން އެކަނި މަސައްކަތް ކުރާ ތަންތަނުގެ ހާލަތު ދަށްކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މިއިންސްޕެކްޝަން ކުރިއަށްގެންދަނީ އެޗްޕީއޭއާއި މާލެސިޓީ ކައުންސިލާއި އެމްއެފްޑީއޭއާއި އިކޮނޮމިކް މިނިސްޓްރީއާއި ވެމްކޯއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ރެޑް ކްރެސެންޓާއި އެޗްޑީސީ ގުޅިގެންނެވެ.