ޚަބަރު

އިންޑިޔާއަށް ބޭސްފަރުވާއަށް ފުރުމަށް މިއަދު ހަމަޖެހުނު ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


އާސަންދައިގެ އެހީގައި ބޭސް ފަރުވާއަށް އިންޑިޔާއަށް މިއަދު ފުރަން ހަމަޖެހުނު ކުޑަ ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން އާސަންދަ އޮފީހުންވަނީ ކަށަވަރުކޮށްދީފައެވެ.

އާސަންދަ ކުންފުނީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ބޭސް ފަރުވާއަށް ފުރަން ހަމަޖެހިފައި އޮތީ ކުޑަކުއްޖާއާއި އެކުއްޖާގެ މަންމައާއި ބައްޕަ ކަމަށެވެ. މިކުއްޖާ ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މިއަދު ފުރަން އޮތް ފްލައިޓުން އެކުއްޖާ ނުފޮނުވޭ ކަމަށް އާސަންދަ އޮފީހުން މަޢުލޫމާތުދެއެވެ.

ކުޑަކުއްޖާ ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ފުރުމަށް ބޯޓަށް މީހުން އަރުވާ ބޯޓު ފުރަން ތައްޔާރުވެފައިވަނިކޮށެވެ. އެހެންކަމުން ފަސިންޖަރުން ބޭލުމަށްފަހު ބޯޓު ޑިސްއިންފެކްޓްކޮށް ބޯޓު އިންޑިޔާއަށް ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15.45 ގައެވެ.

އިންޑިޔާއަށް ބޭސް ފަރުވާއަށް މިއަދު ފޮނުވުމަށް ހަމަޖެހިފައިވަނީ 60 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭސް ފަރުވާއަށްދާ 28 މީހުންނާއި އެމީހުންގެ އެހީތެރިންގެ ގޮތުގައި ދަތުރުކުރާ 32 މީހުން ކަމަށް އާސަންދަ އޮފީހުން މަޢުލޫމާތުދެއެވެ.