ރާއްޖެއިން ކޯވިޑް-19ޖެހުނު އިތުރު މީހަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ މި ބަލީގައި މިއަދު ނިޔާވެފައިވަނީ އުމުރުން 71 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 16އަށް އިތުރުވެފައެވެ.
އެޗްޕީއޭއިން ވިދާޅުވީ މި މީހާ ނިޔާވެފައިވަނީ މިއަދު މެންދުރު 1:38ގައި ކަމަށެވެ. އެ މީހާއަކީ މިއަދު ހެނދުނު ނޭވާ ލުމުގައި ދަތިތަކެއް ދިމާވެގެން ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ދިޔަ މީހެއް ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާއްޖެއިން މި ބަލީގައި އެންމެ ފަހުން ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.
ކޯވިޑް-19ގައި މިއަދު ނިޔާވި މީހާއާއެކު، މިހާތަނަށް ރާއްޖެއިން 10 ދިވެހިންނާއި 6 ބިދޭސީންވަނީ ނިޔާވެފައެވެ. ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރިލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83އަހަރުގެ އަންހެނެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މިހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ. އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ރާއްޖޭގައި ނިޔާވެފައިވަނީ ޢުމުރުން 89 އަހަރުގެ އަންހެނެކެވެ.
ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާޜު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ 56 މީހަކަށް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިވަގުތު މި ބަލި ޖެހިފައިވާ 983 މީހަކަށް ފަރުވާދެމުންދާކަަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާއްޖެއިން މިހާތަން 3567 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އަދި 2554 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.