ޚަބަރު

ކޯވިޑް-19 : ކެލާއިން އިތުރު 9 މީހުންނަށް ބަލި ޖެހިއްޖެ


ހއ.ކެލާއިން އިތުރު 9 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ، ކެލާއިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެރަށުން މާލެ ދަތުރުކުރާ "ސަވާރީ" ބޯޓުގެ ކެޕްޓަންކަމަށެވެ.

އޭނާ ޕޮޒިޓިވްވެފައިވަނީ ބޯޓް މާލެ އައިސް ދެހަފްތާގައި މާލޭގައި އޮތުމަށްފަހު ރަށަށް ދިއުމަށްފަހު ބަލީގެ ޢަލާމާތްތައް ހުރެގެން ނެގި ސާމްޕަލުންކަމަށެވެ. އޭނާ މާލެއިން ފުރިއިރުވެސް ބަލީގެ ޢަލާމާތްތައް ހުރިކަމަށާއި، އޭނާ ޕޮޒިޓިވްވުމުން އެބޯޓުން ދަތުކުރި އެހެން މީހުންވެސް ކޯވިޑަށް ޓެސްޓްކުރިކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ބޯޓުން ދަތުރުކުރި އިތުރު 9 މީހުން މިއަދު ޕޮޒިޓިވްވެފައިވާކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކެލާއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 10 އަށް އަރާފައިވާއިރު އެރަށް މިހާރު ވަނީ މޮނިޓަރިންގެ ޙާލަތުގައެވެ. މިއީ ފުރަބަންދަށް ދިން ލުއިތަކާއެކު މާލެ ފިޔަވައި އެހެން ރަށަކުން އެންމެ ގިނަ މީހުންނަށް މި ބަލި ޖެހުނު ރަށެވެ.