ޚަބަރު

ކޯވިޑް-19 : އިހަވަންދޫން މީހަކު ޕޮޒިޓިވްވެ ރަށް މޮނިޓަރިންއަށް


ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އިހަވަންދޫ ކައުންސިލުން ވިދާޅުވީ، އެރަށުން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ އެރަށާއި މާލެއާއި ދެމެދު ދަތުރުކުރާ "ޓޫފޯޓޫ" ނަމަކަށް ކިޔާ ބޯޓުގެ ކޭޝިއަރުކަމަށެވެ. މިބޯޓު އިހަވަންދުއަށް ދިޔައީ މީގެ ތިން ދުވަސްކުރިންކަމަށާއި، އޭނާގެ ބަލީގެ ޢަލާމާތް ހުރެގެން ޓެސްޓްކުރީ އޭނާ އަމިއްލައަށް އެދިގެންކަމަށްވެސް އިހަވަންދޫ ކައުންސިލުން ވިދާޅުވެއެވެ. އަދި ރޭގެ ވަގުތެއްގައި ސާމްޕަލް ނަތީޖާ ލިބުނުއިރު އޭނާ ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށާއި، މިއާއެކު އޭނާއާއި ދިމާވި މީހުން ދެނެގަތުމުގެ މަސައްކަތް ނުވަތަ ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާކަމަށްވެސް އިހަވަންދޫ ކައުންސިލުން ވިދާޅުވެއެވެ.

އިހަވަންދޫން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެފައިވާއިރު މިދިޔަ ބުދަ ދުވަހު ވަނީ އެއަތޮޅު ކެލާ ބޯޓެއްގެ ކެޕްޓަންވެސް ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އިތުރު ނުވަ މީހަކުވެސް އެރަށުން ޕޮޒިޓިވްވެފައިވެއެވެ.

އިހަވަންދޫގެ އިތުރުން އަތޮޅުތަކުގެ ނުވަ ރަށަކުން ކޯވިޑް-19ގެ ކޭސްތަކެއް ވަނީ ފެނިފައެވެ. އަދި އެރަށްތައްވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ.

މީގެ އިތުރުން ބ.އޭދަފުށިންވެސް އިތުރު މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ އެއަތޮޅު ފިނޮޅުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހެއްކަމަށް އެދަފުށީ ކައުންސިލުން ވިދާޅުވެއެވެ. ބ.ފިނޮޅުގައި މަސައްކަތްކުރާ ހަތަރު މީހަކު މީގެ ކުރިންވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެއީ ބަންގްލަދޭޝްގެ މީހަކާއި އިންޑޮނީޝިއާގެ 3 މީހެކެވެ. ފިނޮޅަކީ ބ.އަތޮޅު ހިތާދޫ ކައިރީގައި އޮންނަ ރަށެކެވެ. ބ.އޭދަފުށްޓާއި ފިނޮޅުވެސް އޮތީ މޮނިޓަރިންގައެވެ.