ޚަބަރު

ކޯވިޑް-19 : އޮސްޓްރޭލިއާއިން 1.8 މިލިއަން ރުފިޔާގެ ޕީޕީއީ ރާއްޖެއަށް ހަދިޔާކޮށްފި


އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް 1.8 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.

ޖުލައި މަހުގެ 28ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގެ ފަރާތުން މިތަކެތި ޙަވާލުކޮށްދެއްވީ ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ހޮލީއާއި އޮސްޓްރޭލިއާގެ ޑިފެންސް އެޑްވައިޒަރ، ގްރޫޕް ކެޕްޓަން ޝޯން އަންވިންއެވެ. އަދި މިތަކެއްޗާ ޙަވާލުވެވަޑައިގަތީ ކޮޅުނބުގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާޤުއާއި ޑިފެންސް އެޑްވައިޒަރ ލެފްޓިނެންޓް ކާނަލް އިސްމާއިލް ނަސީރުއެވެ.

މިއެހީތެރިކަމަށްޓަކައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ސަފީރު އުމަރު އަބްދުއްރައްޒާޤު ވަނީ އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮވިޑް-19އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް އޮސްޓްރޭލިއާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ބާރަ ހާސް އޯވަރއޯލް ކިޓާއި، 2 ލައްކަ އަންގިއެވެ. މިތަކެތި އުފައްދާފައިވަނީ އޮސްޓްރޭލިއާގެ އަންސެލް ކުންފުނިންނެވެ.