ޓްރާންސިޓު ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް ޓޫރިޒަމް މިނިސްޓްރީން 8 ތަނަކަށް ހުއްދަ ދީފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ޢާއްމުކޮށްފައިވާ މައުލޫމާތުތަކުގައި ވާގޮތުން ޓްރާންސިޓު ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް މާލެއިން 5 ހޮޓަލަކަށް އަދި ހުޅުމާލެއިން 2 ތަނެއްގެ އިތުރުން ހުޅުލެ އައިލެންޑު ހޮޓެލްއަށް ވަނީ ހުއްދަ ދީފައެެވެ.
ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖޭގެ 61 ރިސޯޓެއް އަލުން ހުޅުވާ ޙިދުމަތް ދޭން ވަނީ ފަށާފައެވެ. ރާއްޖޭގައި ގާތްގަނޑަކަށް 166 ރިސޯޓެއް ހިންގާއިރު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ދުވަހުވެސް 32 ރިސޯޓެއް ވަނީ ހުޅުވާފައެެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ފުރުޞަތު ސަފާރީތަކަށްވެސް ހުޅުވާލާފައިވާއިރު، ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ މިހާތަނަށް 22 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެެވެ.
ގެސްޓުހައުސްތަކާއި ހޮޓެލްތައް ހުޅުވުމަށް ހުއްދަ ދޭނެ ވަކި ތާރީޙެއް ސަރުކާރުން އަދި އިޢުލާންކޮށްފައެެއް ނުވެއެވެ. އެހެންނަމަވެސް ސެޕްޓެމްބަރުމަހުގެ ތެރޭގައި ރާއްޖޭގެ ގެސްޓްހައުސްތައް ފަތުރުވެރިންނަށް ހުޅުވާލެވޭ ވަރުވާނެކަމަށް ލަފާކުރެވޭކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 8 ލައްކަ 50 ހާސް ޓުއަރިސްޓުން ރާއްޖެ ގެނައުމެވެ. އަދި މިއާއެކު ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން ވަކި ވަކި މާކެޓްތަކަށް އަމާޒުކޮށްގެންވެސް ޙާއްސަ ހަރަކާތްތައް ދަނީ ބާއްވަމުންނެވެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައިވާ އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ފުރަބަންދުގެ ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ސަރުކާރުން ބަންދުކޮށްފައި ވަނީ މިދިޔަ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ. އޭގެފަހުން ވީ.އައި.އޭއަށް އޮޕަރޭޓްކޮށްފައި ވަނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ހިފައިގެން އަންނަ ކާގޯ ފްލައިޓްތަކާއި، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެނައުމަށާއި ރާއްޖޭގައި ތިބި ބިދޭސީން އެނބުރި ޤައުމަށް ދިއުމަށް އޮޕަރޭޓްކުރި ފްލައިޓްތަކެވެ.