ޚަބަރު

މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާއަށް ފަސްކޮށްފި


ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން އިތުރުވެފައިވާތީ މިހަފްތާގައި ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބާއްވާގޮތަށް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، މިހަފްތާގައި ބާއްވަން ނިންމި ޖަލްސާ ނުބާއްވައި އަންނަ ހަފްތާއަށް ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވާފައިވާކަމަށެވެ. ނަމަވެސް ކުރިއަށްއޮތް ދުވަހު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެކަމަށާ، މަޖިލީހުގެ އިދާރާވެސް ހުޅުވާފައި ހުންނާނެކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

އަދި ކުރިއަށްއޮތް 3 ދުވަހު މަޖިލީހުގެ އިދާރާއަށް ނިކުންނާނީ ކޮމިޓީތަކުގެ މަސައްކަތްކުރުމަށް ބޭނުންވާ މަދު ޢަދަދެއްގެ މުވައްޒަފުންކަމަށާ، އެހެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް މަޖިލީހުގެ ރައީސް އިރުޝާދު ދީފައިވާކަމަށް މަޖިލީހުގެ އިދާރާއިން ވިދަޅުވެއެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އަދި މިހަފްތާގެ ކުރިއަށް އޮތް ދުވަސްތައް ސަރުކާރު ބަންދުކުރުމަށްވެސް ސަރުކާރުން ވަނީނިންމާފައެވެ.

ކޯވިޑް-19އާ ގުޅިގެން މީގެ ކުރިންވެސް މަޖިލީހުގެ ޖަލްސާތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް ކޭސްތައް މަދުވާން ފެށުމުން މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނިންމައި މިހާތަނަށް ޖަލްސާތައް ކުރިއަށް ގެންދިޔައީ މަޖިލީހުގެ ތަޅުމުގައެވެ.