ޚަބަރު

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި


މިދިޔަ މާރިޗު މަހުގެ 12ވަނަ ދުވަހުން ފެށިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، އަންނަ މަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން ނިންމަވައިފިއެވެ.

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ސޮއިކުރައްވައި މިރޭ ނެރުއްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓެވިކަން އިއުލާނު ކުރެއްވި ޤަރާރުގައިވަނީ މިކަން ހާމަކުރައްވާފައެވެ.

މި ޤަރާރުގައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖޭގައި ފެތުރުން އިތުރުވަމުން ދާތީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު 6 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދެމެހެއްޓުމަށް ނިންމަވާފައިވާކަމަށެވެ. މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް-19ގެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކިކައުތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭކަމަށް ހެލްތު މިނިސްޓަރަށް އޭނާ ލަފާ އަރުވާފައިވާތީކަމަށްވެސް ހެލްތު މިނިސްޓަރު ނެރުއްވި ޤަރާރުގައި ވެއެވެ.

މިނިންމެވުމާއެކު ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން
ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ހެލްތުމިނިސްޓަރު އަންގަވާކަމަށްވެސް މިޤަރާރުގައި ވެއެވެ.

ހެލްތު މިނިސްޓަރަށް ލިބިދޭ ޤާނޫނީ ބާރުގެ ދަށުން މިހާރު ޢިއުލާންކޮށްފައި މިވާ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އެނެމް ފުރަތަމަ ޢިއުލާންކުރެއްވީ 12 މާރިޗު 2020 ގައެވެ. އޭގެފަހުން އެކި ފަހަރުމަތިން މިދަނީ މިހާތަނަށް މުއްދަތު އިތުރުކޮށް ދަމަހައްޓަމުންނެވެ. މިއީ މިގޮތުން މުއްދަތު އިތުރުކުރި 6ވަނަ ފަހަރެވެ.