ޚަބަރު

މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވަމުންދާ ތައްޔާރީތައް ނައިބުރައީސް ބައްލަވާލައްވައިފި


މާލޭ ސިޓީގައި ދެމުންދާ ބަހުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ވަމުންގެންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު މިއަދު ބައްލަވާލައްވައިފިއެވެ.

ނައިބު ރައީސް ވަނީ، މާލެ ސަރަޙައްދުގެ އާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ބަސް ދުއްވާ މަގުތަކުގައި ފަސިންޖަރުން އަރައި ފޭބުމަށް ޚާއްޞަ ކޮށްފައިވާ ބަސްހުއްޓިތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށް ޒިޔާރަތް ކުރައްވާފައެވެ.

‎މިގޮތުން އެމަނިކުފާނު ވަނީ، ވެސްޓްޕާކް ސަރަޙައްދަށް ޒިޔާރަތް ކުރައްވާ، އެ ސަރަޙައްދުގައި ބަސްހުއްޓި ބިނާކުރުމަށް ހަމަޖެހިފައިވާ ތަން ބައްލަވައިލައްވާފައެވެ. ނައިބު ރައީސްގެ މި ޒިޔާރަތުގައި ވަނީ އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގައި ޝާމިލުވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް.) އާއި މާލެ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި، އެ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ.

‎މީގެ އިތުރުން މާލެ ސިޓީގައި ދެމުންގެންދާ ބަހުގެ ޚިދުމަތަކީ ގިނަ ބަޔަކަށް ބޭނުންހިފޭނެ ގޮތަށް ފަރުމާކުރެވިގެން ދެވޭ ޚިދުމަތެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް ފުޅާވެގެންދާއިރު މާލޭގެ ކާރުބާރު ބޮޑު ސަރަޙައްދުތަކަށް ލުޔެއް ހޯދައިދޭނެ ފަދަ ޚިދުމަތަކަށް ހެއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އަލަށް ބަސްހުއްޓިތައް ފާހަގަކުރި، ސަރަޙައްދުތަކަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް.)، ވެސްޓްޕާކް، ހިރިޔާ ސްކޫލް، އަދި ތާޖުއްދީން ސްކޫލް ސަރަޙައްދެވެ.

‎‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި، އެމް.ޕީ.އެލްގެ ސީ.އީ.އޯ. ޝާހިދު ޢަލީ އާއި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލިމަނިކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުން ކަމުގައިވާ އަޙްމަދު ނަސީމާއި އަޙްމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.