ސަލްޓަން ޕާކްގެ އީ-ސްޕޯރޓްސް އޭރިއާ ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ އެދިލެއްވުމަށް މާލީ ވުޒާރާއިން ވަނީ ސަލްޓަން ޕާކްގެ އީ-ސްޕޯރޓްސް އޭރިއާ ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ބީލަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގެ ދަށުންނާއި "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އާއި " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ"އާ އެއްގޮތަށެވެ.
މާލީ ވުޒާރާއިން ވިދާޅުވީ އެ މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެ ގަވާއިދުގެ އެންމެހާ އިސްލާޙުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. މި ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. މި މަޝްރޫޢުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 36,500 ހުށަހަޅަންޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މި މަސައްކަތްތަކަށް ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 13:00ގެ ކުރިންނެވެ. އަދި މި މަޝްރޫޢުގެ ބިޑު ހުޅުވުން އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގައެވެ.
މާލެ ސަރަޙައްދުގައި އާއިލާތަކުން ކުޑަކުދިން ގޮވައިގެން ހިތްހަމަޖައްސާލަން ދާން އޮންނަ މަދު ސަރަޙައްދުތަކުގެ ތެރޭގައި ސަލްޓަން ޕާކު ހިމެނޭއިރު، މިއީ ކުޑަކުދިންގެ މެދުގައި ވަރަށް މަޤްބޫލު ތަނެކެވެ.
ސަލްޓަން ޕާކު ހަލާކުވެ ވީނާރާވަމުން ދިއުމާ ގުޅިގެން ސަރުކާރުން އާބާތުރަފިލުވުމުގެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. އެ ދުވަސްވަރު ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ބަންދުކޮށްގެން މަރާމާތު ކުރުމަށްފަހު، ޢީދު ދުވަހާ ދިމާކޮށް އެ ސަރަހައްދުތައް ވަނީ އަލުން ހުޅުވާފައެވެ. ނަމަވެސް މިހާރު ކުރިއަށްދަނީ އެ މަޝްރޫޢުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތަކެވެ.
މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ޕާކުގެ ވިއު ސްޓްރަކްޗަރ، ޓްރީހައުސް، ވޯކްވޭތައް އަދި ކުޑަކުދިން ކުޅޭ ސަރަޙައްދުތަކުގެ އާބާތުރަ ފިލުވުން ހިމެނެއެވެ. މީގެއިތުރުން، ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން އިށީންނާނެ ބެންޗުތައް ހެދުމާއި، ކޮންކްރީޓް ފްލޯ މަރާމާތުކުރުމާއި، ގާޑަން އަދި ސީސީޓީވީތައް ރަނގަޅުކުރުމުގެ މަސައްކަތްތައްވެސް ވަނީ ކޮށްފައެވެ.
ސަރުކާރުން ދަނީ މާލޭގެ އެހެން މައިޒާންތައްވެސް ތަރައްޤީކުރަމުންނެވެ. އެގޮތުން ރަސްފަންނުގެ އާބާތުރަފިލުވާ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީ އަދި އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން މިހާރުވެސް ދަނީ ކުރިއަށްގެންދަމުންނެވެ.