ކުޅިވަރު

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަންގެ ސްޕޯޓްސް ކޮމިޓީއަށް މަރުޒޫޤު




   ކޮމަންވެލްތު
ގޭމްސް ފެޑެރޭޝަންގެ ސްޕޯޓްސް ކޮމިޓީއަށް އޭޝިއާ ތަމްސީލް ކުރާ މެމްބަރަކަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް
ސެކެޓްރީ އަހުމަދު މަރުޒޫގު ހޮވިއްޖެ.

އޭޝިޔާ ތަމްސީލް ކުރާ މެމްބަރެއްގެ ގޮތުގައި
މަރުޒޫގް ހޮވިފައިވަނީ މިމަގާމަށް ކުރިމަތިލެއްވި އިންޑިއަން އޮލިމްޕިކް
އެސޯސިއޭޝަން އަދި ވޯލްޑް ސްކޮޝް ފެޑެރޭޝަންގެ ރައީސް އިންޑިޔާގެ ނަރަޔާނާ ރަމަޗަންދްރަން
ނަން އަބުރާ ގެންދެވުމުންނެވެ. ރަމަޗަންދްރަން ނަންއަބުރާ ގެންގޮސްފައިވަނީ ކޮމަންވެލްތު
ގޭމްސް ފެޑެރޭޝަނުގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވި ގިނަ ގައުމްތަކެއްގެ
އެދުމުގެ މަތީންނެވެ.

މަރުޒޫގް ވިދާޅުވީ މި ގޮނޑިއަކީ ރާއްޖެއަށް ނުވަތަ ކުދި ޖަޒީރާ
ގައުމްތަކަށް ވަރަށް މުހިންމު ގޮނޑިއެއްކަމަށެވެ. ހާއްސަކޮށް މިދަނޑިވަޅަކީ
ރާއްޖެއަށް، ރާއްޖޭގެ ނަން ނުވަތަ ޖަޒީރާ ގައުމްތަކުން ބޭނުންވާ ކަންތަށްތަށް
މިފަދަ ބޮޑެތި އެސެމްބްލީތަކުގައި އަޑު ހަރުކޮށް ދަށްކަންވީ ވަގުތުކަމަށްވެސް
މަރުޒޫގް ވިދާޅުވިއެވެ. މަރުޒޫގް ވިދާޅުވީ ކޮމަންވެލްތު ގޭމްސް ފަދަ ބޮޑު މުބާރާތެއްގެ
ވަރުގަދަ ކޮމެޓީއަކުން މިފަދަ ގޮނޑިއެއް ރާއްޖެއަށް ލިބުމުން އޭގެއިން
ދައްކައިދެނީ ފާއިތުވެދިޔަ ތަނުގައި ކުޅިވަރަށް ހާއްސަކޮށް ގޭމްސްތަކުގައި
ރާއްޖެއިން ބައިވެރިވާ މިންވަރާ ރާއްޖެފަދަ ކުޑަ، ވަސީލަތްތަށް މަދު ގައުމަކުން
ގޭމްސްތަކުގައި ހޯދާފައިވާ ކާމިޔާބީތަށް އެހެން ގައުމްތަކުން ބަލައިގަންނަ
މިންވަރުކަމަށެވެ. އަދި ރާއްޖެފަދަ ކުޑަގައުމަކުން ކުޅިވަރު ކުރިއެރުވުމުގެ ގޮތުން
ކުރަމުންދާ މަސައްކަތްތަށް އެފަރާތުން ބަލާގަންނަ މިންވަރުކަމަށްވެސް މިކަމުން
ހާމަވާކަމަށް މަރުޒޫގް ވިދާޅުވިއެވެ.

މަރުޒޫޒް އިތުރަށް ވިދާޅުވީ މިއީ މުޅި އޭޝިޔާ
ތަމްސީލް ކުރާ ގޮނޑިއެއްކަމަށާ އެހެންކަމުން ރާއްޖޭގެ އިތުރުން އޭޝިޔާގެ ޤައުމްތަކުގެ އަޑުވެސް ކޮމެޓީތަކާ އެސެމްބްލީތަކުގައި މިހާރަށް ވުރެއް
ގަދަކުރުމަށް ކުރިއަށް އޮތްތާގައި މަސައްކަތް ކުރާނެކަމަށެވެ.