ބޭރުގެ ބާރުތަކާއެކު ސިއްރު ގުޅުންތަކެއް ބާއްވާކަމުގެ ތުހުމަތުގައި ހޮންކޮންގެ މަޝްހޫރު މަހުޖަނެއްކަމަށްވާ، ޖިމީ ލައި ހައްޔަރުކޮށްފިއެވެ.
ޗައިނާއިން ހޮންގކޮންގައި ތަންފީޒުކުރަން ފަށާފައިވާ ސަލާމަތާބެހޭ ޤާނޫނުގެ ދަށުން ޖިމީ ލައި ހައްޔަރުކޮށްފައިވާއިރު، އޭނާއަކީ މިޤާނޫނުގެ ދަށުން ހައްޔަރުކުރި އެންމެ "ހައި-ޕްރޮފައިލް" މީހާއެވެ.
ޖިމީ ލައި ހައްޔަރުކުރިއިރު، އޭނާއާއެކު އޭނާގެ ދެ ދަރިންނާއި އޭނާ ދެ މުވައްޒަފެއްވެސް ހައްޔަރުކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި އޭނާގެ ހިންގާ ނޫސް އިދާރާއަކަށްވެސް ފުލުހުން ވަދެ، ބަލާ ފާސްކޮށްފައިވާކަމަށް ޚަބަރުތައް ބުނެއެވެ. ޖިމީ ލައި ފާހަގަވެފައިވަނީ ހޮންގކޮންގައި ކުރިއަށްދާ މުޒާހާރަތަކަށް ތާޢީދުކޮށް، ވާހަކަދައްކާ މީހެއްގެ ގޮތުގައެވެ. އިނގިރޭސި ރައްޔިތުކަންވެސް އޮންނަ އުމުރުން 71 އަހަރުގެ ޖިމީ ވަނީ މީގެކުރިންވެސް މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައެވެ. ނަމަވެސް އެފަހަރު ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލާފައެވެ.
ޗައިނާގެ މީޑިއާތަކުން ސިފަކުރާ ގޮތުގައި ޖިމީއަކީ ދައުލަތާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް މަސައްކަތްކުރާ މީހެކެވެ.
ހޮންކޮންގ ފުލުހުން މިކަމާ ގުޅޭގޮތުން ރަސްމީކޮށް ވާހަކަދައްކާފައި ނުވިނަމަވެސް، ބޭރުގެ ފަރާތްތަކާ ގުޅިގެން ޤާނޫނާ ޚިލާފް މަސައްކަތްތަކެއް ކުރާކަމުގެ ތުހުމަތުގައި އުމުރުން 39 އަހަރާއި 72 އަހަރާ ދޭތެރޭގެ ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.
ބިލިއަނެއްހާ ޑޮލަރުގެ މިލްކިއްޔާތެއް އޮންނަ ޖިމީ ލައިއަކީ ހެދުމުގެ ވިޔަފާރިން މުއްސަނދިވި މީހެކެވެ. އޭގެފަހުން އޭނާ ވަނީ "އެޕަލް ޑެއިލީ"ގެ ނަމުގައި އޭނާގެ އަމިއްލަ ނޫހެއްވެސް ހިންގަން ފަށާފައެވެ. އެޕަލް ޑެއިލީއަކީ ހޮންކޮންގއާއި ޗައިނާއަށް ފާޑުކިޔުމުގައި ފާހަގަކޮށްލެވޭ މީޑިއާއެކެވެ. އަދި 2019 ވަނަ އެޕަލް ޑެއިލީ ވެފައިވަނީ ހޮންގކޮންގައި އެންމެ ގިނަ ބަޔަކު ކިޔާ ނޫހަށެވެ.