ޚަބަރު

ކޯވިޑް-19 : ވަގުތީ ބޯހިޔާވަހިކަމުގައި މިވަގުތު ތިބީ އެންމެ ޢާއިލާއެއް


ކޯވިޑް19އާއި ގުޅިގެން ހާލުގައި ޖެހިގެން ވަގުތީ ބޯހިޔާވަހިކަމުގައި މިވަގުތު ތިބީ އެންމެ އާއިލާއެއްކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދަޅުވެއްޖެއެވެ.

އެސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރުގެ ނާއިބު ފާތިމަތު ޔުމްނާ ވިދާޅުވީ، ކޯވިޑާއި ގުޅިގެން 253 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް ފުރަބަންދަށް ދިން ލުއިތަކާއިއެކު އެމީހުންގެ އަމިއްލަ ރަށްރަށަށް ފޮނުވައިދީފައި ވާކަމަށާއި، އެގޮތުން 240 މީހަކު މިހާތަނަށް އެމީހުންގެ ރަށަށް ފޮނުވައިދީފައިވާކަމަށް ޔުމްނާ ވިދާޅުވިއެވެ. މިވަގުތު ވަގުތީ ބޯހިޔާވަހިކަމުގައި ތިބީ އެންމެ އާއިލާއެއްކަން ފާހަގަކުރައްވައި ޖެންޑަރ މިނިސްޓަރުގެ ނާއިބު ވިދާޅުވީ، ކޯވިޑާއި ގުޅިގެން އިޖްތިމާއީ ފަސް ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ. އެކިއެކި އެހީތެރިކަމަށް އެދި ގުޅޭނެގޮތަށް ޤާއިމުކުރި ހެލްޕުލައިންނަށް އައި ފަނަރަ ހާހަށްވުރެ ގިނަ ކޯލަށް ޖަވާބުދީފައި ވާކަމަށްވެސް ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވީ، ކާބޯތަކެތީގެ އެހީއަށް އެދުނު 553 މީހަކަށް ކައްކައި ކެވޭނެ އިންތިޒާމް ހަމަޖައްސައިދީފައި ވާކަމަށާއި، ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށްވެސް އެ އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ. އެގޮތުން ޑްރަގު ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް 380 މީހަކަށް ނޭޝަނަލް ޑްރަގް އެޖެންސީ އާއި ގުޅިގެން ފޯރުކޮށްދީފައިވާކަމަށްވެސް ޖެންޑަރ މިނިސްޓަރުގެ ނާއިބު ފާޠިމަތު ޔުމްނާ ވިދާޅުވިއެވެ.