ޚަބަރު

ކޯވިޑް-19 : ފެސިލިޓީތަކަށް ނުގެންދެވި 334މީހުން މިވަގުތު އެބަތިބި - ޑރ.ނަޒްލާ


ކޯވިޑް-19އަށް ޕޮސިޓިވްވެ ފެސިލިޓީތަކަށް ނުގެންދެވި 334މީހުން މިވަގުތު އެބަތިބިކަމަށް ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ދެމުންދާ ތަފާސްހިސާބުތަކުން ފެސިލިޓީތަކަށް ނުގެންދެވި ހަތްސަތޭއެއްހައި މީހުން ތިބިކަމަށް ދައްކަމައެވެ. އެސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަށް ޖަވާބުދެމުން އެސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ވިދާޅުވީ އެކްޓިވް ކޭސްތަކުގެ ތެރެއިން ބަލިން ރަނގަޅުވާ މީހުންގެ މަޢުލޫމާތު، ސިސްޓަމަށް އެޅުމުގައި ލަސްތައް ހުރިކަމަށެވެ. އަދި ފެސިލިޓީތަކަށް ހަތްސަތޭކައެއްހައި މީހުން ނުގެންދެވިތިބިކަމަށް ދައްކަނީ މިސަބަބަށްޓަކައިކަމަށްވެސް ޑރ.ނަޒްލާ ވިދަޅުވިއެވެ.

ނަމަވެސް މިކަންކަން ޙައްލުކޮށް ތަފާސްހިސާބުތައް އަޕްޑޭޓްކުުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"މިވަގުތު ފެސިލިޓީއަށް ނުގެންދެވިތިބީ 334މީހުން. ހިސާބު ދިމާނުވަނީ ބަލިން ރަނގަޅުވެ ދޫކޮށްލާ މީހުންގެ މަޢުލޫމާތު ސިސްޓަމަށް އެޅުން ލަސްވާތީ." ނަޒްލާ ވިދާޅިވިއެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ.ނަޒްލާ ވިދާޅުވީ ބައްޔަށް ޕޮސިޓިވްވާ މީހުންގެ ޢަދަދު އިތުރުވުމާއެކު، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތާއި ބަލިމީހުންގެ ކަންކަން ބެލެހެއްޓުމުގައި އުޅޭ ޓީމްތަކުގެ މަސައްކަތްތައްވެސް އިތުރުވެފައިވާކަމަށެވެ. އަދި ކަރަންޓީން ފެސިލިޓީތައް މާލެއާ ދުރުވުމާއި، ދަތުރުފަތުރުގެ ނިޒާމު އޮންނަ ގޮތުންވެސް މީހުން ފެސިލިޓީއަށް ގެންދިއުމުގައި ލަސްތަކެއް އުޅޭކަމަށެވެ.

"ކޮންޓެކްޓް ޓްރޭސިންގ ޓީމްވެސް ވަނީ ބޮޑުކޮށްފައި. އިއްޔެވެސް ޓްރޭސްކުރުން ނުނިމި އޮތީ ހަތަރުވަރަކަށް ކޭސްގެ މަސައްކަތް އެކަނި. ކޭސް ގިނަވާތީ ބައެއް މަސައްކަތް އޮޓަމޭޓްވެސްކޮށްފިން. ބައްޔަށް ނެގެޓިވްވިއަސް، ކަރަންޓީނުގެ 14ދުވަސް ހަމަވީމަވެސް މިހާރު ސިސްޓަމް މެދުވެރިކޮށް މެސެޖެއްދާނީ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ކޭސްތައް އިތުރުވަމުންދާތީ މީހުން ބެއިތިއްބުމަށް އިތުރު ކަރަންޓިން ފެސިލިޓީތަކުގެ ގޮތުގައި ގެސްޓްހައުސްތަކާއި، ރިސޯޓްތައްވެސް ހަމަޖައްސަމުންދާކަމަށެވެ.