ޚަބަރު

މިނިސްޓަރ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް- ރައީސް


އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް ފުރިހަމަ އިތުރުބާރު އޮތްކަމަށާއި، ވަޒީރު ދިފާއު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެމްބަރުން އިސްނަންގަވައިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް ކުރާމަސައްކަތާއި ގުޅިގެން މިއީ ސީދާ ރައީސުލްޖުމުހޫރިއްޔާ އެކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.

މިހާރަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފައްޔާޒު މަގާމުން ވަކިކުރާ ވަރުގެ އެއްވެސް ކަމެއް މިހާތަނަށް ހިނގާފައި ނެތް ކަމަށެވެ. އަދި އެއީ ސަރުކާރުގައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ވަޒީރެއްކަމަށް ވެސް، ރައީސް ވަނީ ވިދާޅުވި އެވެ.

މިނިސްޓަރ ފައްޔާޒް އިސްމާއިލްއަކީ މިސަރުކާރުގެ ވައުދުތައް ފުއްދުމުގަޔާއި، ތަންފީޒީ މަރުހަލާގައިވެސް އެންމެބުރަކޮށް މަސައްކަތް ކުރައްވާ އެއްވަޒީރުކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ކޯވިޑް19ގެ ހާލަތުގައިވެސް ދިމާވި މައްސަލަތައް ހައްލުކޮށް ދެއްވުމުގައި މިނިސްޓަރ ފައްޔާޒު ވަރަށްބުރަކޮށް މަސައްކަތް ކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލިހުގެ ތެރެއިން މަސައްކަތް ކުރަމުންދާއިރު، މިމައްސަލަ މަޖިލީހަށް ވައްދާނެކަމެއް އަދި މައްސަލައާއިމެދު އަމަލުކުރާނެ ގޮތެއްވެސް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދެވެ. ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގައެވެ. މިހާތަނަށް 22 މެމްބަރުންގެ ވޯޓް ލިބިފައިވާކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ފައްޔާޟު ވިދާޅުވީ، އެމަނިކުފާނަށް އިތުބާރުނެތްކަމަށް މީގެ ކުރިން އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާކަމަށާއި ވަޒީރުކަމުގައި ހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދެވެނީ ރަނގަޅަށްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މިނިސްޓަރ ފައްޔާޟަށް އިތުބާރު އޮތްކަަމަށް ވިދާޅުވެ، ގިނަ މެމްބަރުންތަކެއް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރައްވާފައި ވާއިރު، ފައްޔާޟުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އުޅެނީ ކީއްވެ ކަމެއް، އެމައްސަލައިގައި ސޮއި ކުރައްވާފައިވާ މެމްބަރުންވެސް ހާމަކުރައްވާފައެއް ނުވެއެވެ.