ޚަބަރު

މަޖިލިސް އަމީންއާންމާއި ދެ މެމްބަރަކު ހޯމް އައިސޮލޭޝަންގައި


ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ނިއުޝާއާއި، ދެ މެމްބަރަކު ހޯމް އައިސޮލޭޝަންގައި ތިއްބެވި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އައިސޮލޭޝަންގައި މިވަގުތު މަޖިލީހުގެ 2 މެމްބަރަކު ތިއްބެވި ކަމަށެވެ. އައިސޮލޭޝަންގައި ތިއްބެވި ދެ މެމްބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުއެވެ. އަދި މިވަގުތު މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާވެސް ހުންނެވީ އައިސޮލޭޝަންގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަޖިލިސް ކުރިއަށް ގެންދަވާއިރު، މަޖިލީހުގެ ބައެއް މުވައްޒަފުންވެސް ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. ކޯވިޑަށް މުވައްޒަފުން ޕޮޒިޓިވް ވުމާއި ގުޅިގެން 2 ފަހަރެއްގެ މަތިން މަޖިލީހުގެ އިދާރާވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.

މަޖިލީހުގެ އިދާރީ މުވައްޒަފުންގެ ތެރެއިން ސައިގެ ކަންކަން ހަމަޖައްސަވާ މުވައްޒަފުންތަކެއް ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން މަޖިލީހުގެ އިދާރާގެ ސައިގެ ކަންތައްވެސް ވަނީ އެދުވަސްވަރު މެދުކަނޑާލާފައެވެ. މެމްބަރުންގެ ތެރެއިންވެސް މިހާތަނަށް ބައެއް މެމްބަރުން ވަނީ ހޯމް ކަރަންޓީން ފުރިހަމަކޮށްފައެވެ.