ޚަބަރު

އަގުހެޔޮކޮށް މަސްދުވަހުގެތެރޭ ވެންޓިލޭޓަރު ސަޕްލައިކުރެވޭނެކަން ހާމަކޮށްފައިވާނެ: އޭޑީކޭ


ޔޫރަޕިއަން ސްޓޭންޑަޑަށް ފެތޭ ކޯވިޑް-19ގެ ޙާލަތަށް އެކަށޭނެ ވެންޓިލޭޓަރު އަގުހެޔޮކޮށް ހަތަރު ހަފްތާގެ ތެރޭގައި ސަޕްލައިކޮށްދެވިދާނެކަން އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ގެ ފަރާތުން ކޯވިޑާއި ގުޅޭގޮތުން އެކުލަވާލި ޓާސްކު ފޯހަށް ހުށައެޅިކަމުގައި އެކުންފުނިން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ގެނައި ވެންޓިލޭޓަރުތަކުގެ މައްސަލައާއި ގުޅިގެން އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ ވެންޓިލޭޓަރު ރާއްޖެއަށް ގެނައުމާއި ގުޅޭގޮތުން ރައިސް އެކުލަވާލައްވާފައިވާ އެގްޒެކެޓިވް ސްޓިއަރިންގ ކޮމިޓީގައި ހުންނަވާ ބޭފުޅަކު ބޭނުންވެގެން އެކުންފުނިންގ ވެންޓިލޭޓަރާއި ބެހޭ މަޢުލޫމާތު ހިއްސާކޮށްފައި ވާނެކަމަށެވެ. މިއީ ރަސްމީކޮށް ހިންގާފައިވާ މުޢާމަލާތްތަކެއް ނޫންކަން އޭޑީކޭގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

އޭޑިކޭގެ ބަޔާނުގައި ވިދާޅުވީ ޔޫރަޕިއަން ސްޓޭންޑަޑަށް ފެތޭ އަދި ކޯވިޑް-19ގެ ޙާލަތަށް އެކަށީގެންވާ ސީއީ.ސެޓިފިކޭޝަންގެ ދެބްރޭންޑެއްގެ ވެންޓިލޭޓަރު ފަސްހާސް ހަތްސަތޭ އެމެރިކާ ޑޮލަރާއި ހަހާސް ދުއިސައްތަ އެމެރިކާ ޑޮލަރާ ދެމެދުގެ އަގެއްގައި އެއްމަސްދުވަހުގެ ތެރޭގައި އޭޑިކޭގެ ފަރާތުން ސަޕްލައިކޮށްދެވިދާނެކަމަށް ދެންނެވުނު ކަމަށެވެ. އޭޑީކޭއިން މިއަގުގައި ވެންޓިލޭޓަރު ގެނެސްދިނުމަށް ނުރަސްމީކޮށް ވާހަކަދެކުވުނުކަމަށް ހާމަކޮށްފައިވާއިރު ދުބާއިގެ ކުންފުންޏެއް މެދުވެރިކޮށް މިނިސްޓްރީ އޮފް ހެލްތުން ވެންޓިލޭޓަރު ގެނެސްފައި ވަނީ ވެންޓިލޭޓަރެއް ތިރީސް ދެހާސް ފައްސަތޭކަ އެމެރިކާ ޑޮލަރުގެ މަގުންނެވެ.

އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގއަކީ ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ދެ ހޮސްޕިޓަލަށާއި ސަރުކާރުގެ ގިނަ ހޮސްޕިޓަލްތަކަށްވެސް ބޭނުންވާ ގިނަ މެޑިކަލް ވަޞީލަތްތައް ސަޕްލައިކުރާ ތަޖުރިބާހުރި ކުންފުންޏަކަށް ވާއިރު ހެލްތު މިނިސްޓްރީން އެފަދަ ތަކެތި ގަތުމުގައި ޢަމަލުކޮށްފައިވާގޮތާއި މެދު ކަންބޮޑުވާކަމަށް އޭޑީކޭގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެކުންފުންޏަކީ ރާއްޖޭގައި ހުންނަ ޖަރުމަނުގެ ދުރައެގަރ ކުންފުންނީގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަށް ވާހިނދު ޑިސްޓްރިބިއުޓަރ ބައިޕާސްކުރުމަށްފަހު ބޮޑު އަގުގައި ވެންޓިލޭޓަރު ގެނައުމަކީވެސް ކަންބޮޑުވާކަމެއްކަމަށް އެކުންފުނީގެ ބަޔާނުގައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް މިނިސްޓްރީ އޮފް ހެލްތުންކޮށްފައިވާ މުޢާމަލާތްތަކުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ކޯވިޑާއި ގުޅިގެން ކުރި ޚަރަދުތައް ބެލުމަށް ހެދި އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ. މިމައްސަލަތަކާއި ގުޅިގެން މިމުޢާމަލާތްތައް އިތުރަށް ތަޙުގީގުކުރުމުގެ މަސައްކަތް ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނުން އަންނަނީ ކުރަމުންނެވެ.

އަދި މިމައްސަލަ ބަލާ ނިމެންދެން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން މަޤާމުން އެކަހެރިވެވަޑައިގަންނަވާފައިވާއިރު މިމުޢާމަލާތްތައް ކުރިއަށްގެންދިޔަ ބިޑް ކޮމިޓީގެ 7 މެމްބަރަކު ވަނީ ސަސްޕެންޑުކޮށްފައެވެ.