ޚަބަރު

ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް އަލީ ރަޝީދާއި، މުހައްމަދު އިބްރާހިމްގެ ނަން މަޖިލީހަށް ފޮނުވައިފި


ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ކްރިމިނަލްކޯޓްގެ އިސް ގާޒީ ޢަލީ ރަޝީދު ޙުސައިން އާއި ޤާނޫނީ ވަކީލު ޑރ މުހައްމަދު އިބްރާހިމް ނަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ސްޕްރީމްކޯޓަށް އައްޔަން ކުރެއްވުމަށްޓަކައި މިދެބޭފުޅުންނާއި މެދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުގައެވެ. މަޖިލީހަށް މިދެބޭފުޅުންގެ ނަންފުޅު ފޮނުވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ކޯޓްތަކުގެ ޤާނޫނަށް ގެނައި އިސްލާހާއި އެކު ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ ބެންޗުގައި 7 ބޭފުޅުން ތިއްބަވަންޖެހެއެވެ. އެހެންނަމަވެސް މި ވަގުތު ތިއްބެވީ 5 ފަނޑިޔާރުންނެވެ.

ސުޕްރީމްކޯޓަށް އައްޔަންކުރެއްވުމަށް ރައީސް ނަން ފޮނުއްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން އަލީ ރަޝީދު ވަނީ ސިވިލްކޯޓްގެ ގާޒީކަންވެސް އަދާކުރައްވާފައެވެ. އަދި މިވަގުތު ކްރިމިނަލްކޯޓްގެ އިސްގާޒީގެ މަޤާމުގައި ހުންނެވި އަލީ ރަޝީދަކީ އައު ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ މަރުގެ ހުކުމެއް އިއްވެވި ގާޒީއެވެ.

ސުޕްރީމްކޯޓަށް އައްޔަންކުރެއްވުމަށް ރައީސް ލަފަޔަކަށް އެދިވަޑައިގެންނެވި ޑރ މުހައްމަދު އިބްރާހީމަކީ ޤާނޫނީ ދައިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ މަޝްހޫރު ލޯ ފާމް، "ޕްރިމިއާ ޗެމްބާސް" މަސައްކަތްކުރައްވަމުން އަންނަ ބޭފުޅެކެވެ.

ސުޕްރީމްކޯޓުގެ ބެންޗް 7 ފަނޑިޔާރުންގެ ޢަދަދަށް ކަނޑައަޅާ ކޯޓުތަކުގެ ޤާނޫނަށް ފަހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވާފައި ވަނީ 2019ވަނަ އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހެވެ.

ސުޕްރީމް ކޯޓުގައި މިހާރު ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.