ސިޔާސީ

މަހާސިންތާގެ 2 ވަނަ ބުރަށް ރައީސް މައުމޫނަށް ދަޢުވަތު އަރުވަނީ


2018 ގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ލީޑަރުން ތަމްރީންކުރުމަށް ޕީ.ޕީ.އެމުން ފަށާފައިވާ މަހާސިންތާގެ ދެވަނަ ބުރު ފައްޓަވައިދެއްވުމުގެ ދަޢުވަތު ކުރީގެ ރައީސް އަދި ޕީ.ޕީ.އެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް މާދަމާގެ ވަގުތެއްގައި ފޮނުއްވާނެކަމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ބުނެފިއެވެ. ރައީސް ޔާމިންގެ ކެމްޕެއިން އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހާސިންތާގެ މީޑިއާ ކޯޑިނޭޓަރ، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުޢާޒް އަލީ ވިދާޅުވީ، ކެމްޕެއިން ލީޑަރުން ތަމްރީންކުރުމަށް ޕީ.ޕީއެމުން ފަށާފައިވާ މަހާސިންތާގެ ފުރަތަމަ ބުރު ފައްޓަވައިދެއްވަން މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތަށް ރައީސް މައުމޫންއަށް ދަޢުވަތު އެރުވުމުން، ކަން ދިމާކުރި ގޮތުން އެމަނިކުފާނަށް އެރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގެންނެވުނު ނަމަވެސް، ރައީސް ޔާމިންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އަދި ޕީ.ޕީ.އެމްގެ ކެމްޕެއިން އޮފީހުންވެސް ބޭނުންފުޅުވަނީ އެމަނިކުފާނުގެ ބައިވެރިވުން މި މަހާސިންތާގައި ފެނިގެންދިޔުންކަމަށެވެ. އަދި މަހާސިންތާގެ ދެވަނަ ބުރު ފައްޓަވައިދެއްވުމަށް އެދި ޕީ.ޕީ.އެމްގެ ނައިބު ރައީސް ސޮއިކުރައްވާފައިވާ ސިޓީފުޅެއް މާދަމާ ހެނދުނުގެ ވަގުތެއްގައި ރައީސް މައުމޫނަށް އަރުވާނެކަމަށް މުޢާޒް ވިދާޅުވިއެވެ.