ޚަބަރު

ލެޑްވޯލް ހަރުކުރުމަށް ކުރީގެ މެނޭޖުމަންޓުން ހިންގި މަޝްރޫޢު އުޞޫލާ ޚިލާފު - ޕީ.އެސް.އެމް


މާލޭ ސަރަޙައްދުގައި ލެޑްވޯލް ހަރުކުރުމަށް 2018ވަނަ އަހަރު ޕީއެސްއެމްގެ ކުރީގެ މެނޭޖުމަންޓުން ފެށި މަޝްރޫޢުގެ ދަށުން ލެޑް ސްކްރީން ގަތުމާއި، ބެހެއްޓުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރުމުގައި ބައެއް ކަންކަން ހިނގާފައިވަނީ ކުންފުނީގެ ޕްރޮކިއުމެންޓް އުޞޫލުތަކާ ފުށުއަރާގޮތަށް ކަމަށް ޕީ.އެސް.އެމްގެ މިހާރުގެ މެނޭޖުމަންޓުން ވިދާޅުވެއްޖެއެވެ.

މާލޭގެ އެކި ތަންތަނުގައި ލެޑްވޯލް ހަރުކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ޕީ.އެސް.އެމްގެ މިހާރުގެ މެނޭޖުމަންޓުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މި މައްސަލާގައި ޢަމަލުކުރަންވީގޮތުގެ ލަފައަކަށް އޭ.ސީ.ސީގައި މިހާރު އެދިފައިވާނެކަމަށެވެ.

މާލޭގެ 6 ސަރަޙައްދެއްގައި 6 ލެޑް ސްކްރީން ބެހެއްޓުމަށް ޕީ.އެސް.އެމްގެ ފަރާތުން 2018 ވަނަ އަހަރުގެ މެދުތެރޭގައި ވަނީ 8.5 މިލިޔަން ރުފިޔާގެ މަޝްރޫޢެއް ފަށާފައެވެ. ކުރީގެ ހައުންސިންގ މިނިސްޓްރީން މިމަސައްކަތް ކުރުމަށް ޕީ.އެސް.އެމްއާ ޙަވާލުކޮށްފައިވަނީ 2018ވަނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އަދި އެ މަސައްކަތް ޕީ.އެސް.އެމްގެ އޭރުގެ މެނޭޖްމަންޓުން ކޮންޓްރެކްޓް އުޞޫލުން ޙަވާލުކޮށްފައިވަނީ ޗައިނާގެ އަމިއްލަ ކުންފުންޏެއްކަމަށްވާ "ޝަންހާއީ އަވްރެން" ނަމަކަށްކިޔާ ކުންފުންޏަކާއެވެ.

މި މަޝްރޫޢު ފަށާފައިވަނީ މަޝްރޫޢަށް ބޭނުންވާ ފައިސާ އޭރު ކުންފުނީގައިނެތިކަމަށާ، މިކަމަށް ބޭނުންވާ ފައިސާ ހޯދާނެގޮތާއި، މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހިނގާނެ ޚަރަދު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާފައިވެސް ނުވާކަމަށް ޕީ.އެސް.އެމްއިން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި މަޝްރޫޢު ހިންގުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނަގަންޖެހޭ އެއްވެސް ހުއްދައެއްވެސް މެނޭޖްމަންޓުން އޭރު ހޯދާފައިނުވާކަމަށްވެސް މިބަޔާނުގައި ވެއެވެ. މީގެ އިތުރަށް މި މަޝްރޫޢުގެ ދަށުން ލެޑް ސްކްރީން ގަތުމާއި ބެހެއްޓުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރުމުގައި ބައެއް ކަންކަން ހިނގައިފައިވަނީވެސް ކުންފުނީގެ ޕްރޮކިއުމެންޓް އުޞޫލުތަކާ ފުށުއަރާ ގޮތަށްކަމަށް މިބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން 2 ލެޑް ސްކްރީން މާލޭގެ 2 ސަރަޙައްދެއްގައި ހަރުކޮށް، 2018ވަނަ އަހަރުގެ ފަހުކޮޅުގެ ތެރޭގައި ބޭނުންކުރަން ފެށިއެވެ. އެހެންނަމަވެސް މި 2 ސްކްރީނުގެ މަސައްކަތް ނިންމައި ޕީ.އެސް.އެމްއާއި އެ 2 ސްކްރީން މިހާތަނަށްވެސް ޙަވާލުކޮށްފައެއް ނުވެއެވެ. ޕީ.އެސް.އެމްއިން ވިދާޅުވީ މިމަޝްރޫޢު ފެށުމަށްޓަކައި ސަރުކާރުގެ ބައެއް ކުންފުނިތަކުން ކަނޑައެޅޭ އުޞޫލަކުން ފައިސާ ޚަރަދުކުރުމާ ގުޅޭގޮތުން މަޝްވަރާކުރިކަން ފެންނަންހުރި ބައެއް ލިޔެކިޔުންތަކުން އެނގޭކަމަށެވެ. އެހެންނަމަވެސް އެއްވެސް ކުންފުންޏަކުން ފައިސާދޭނެކަމާއި، ލިބޭނީ ކޮން ކުންފުނިތަކުން ކިހާވަރެއްކަން އެނގޭ ލިޔުންތަކެއް ނެތްކަމަށާ، އެހެން އެއްވެސް ފަރާތަކުން މިމަޝްރޫޢަށް ޕީ.އެސް.އެމްއަށް ފައިސާ ދީފައިނުވާކަންވެސް އެކުންފުނިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފައިސާ ހަމަނުޖެހި ފެށި މި މަޝްރޫޢަށް، 2018ވަނަ އަހަރުގެ ޖުލައިމަހު 4,397,013.00 (ހަތަރު މިލިޔަން ތިންސަތޭކަ ނުވަދިހަ ހަތްހާސް ތޭރަ) ރުފިޔާގެ ބިލް ހުށައަޅައި އޭގެތެރެއިން 1,186,569.00 (އެއް މިލިޔަން ސަތޭކަ އަށްޑިހަ ހަހާސް ފަސް ސަތޭކަ ފަސްދޮޅަސް ނުވަ) ރުފިޔާ ވަނީ ޕީ.އެސް.އެމްގެ ބަޖެޓްގެ ތެރެއިން ކޮންޓްރެކްޓަރަށް ހަމަ އެއަހަރު ދީފައެވެ. އަދި ކޮންޓްރެކްޓަރަށް ނުދީ 3,210,444.00 (ތިން މިލިއަން ދުއިސައްތަ ދިހަހާސް ހަތަރުސަތޭކަ ސާޅީސް ހަތަރު) ރުފިޔާ އެބައޮތެވެ. މި މަޝްރޫޢު އަސްލު އެކުލަވާލެވުނުއިރު އެއްބަސްވެފައިވާގޮތަށް 6 ލެޑްވޯލްގެ ޢަދަދަށް ފުރިހަމަކުރާނަމަ އަދިވެސް ގިނަ ޢަދަދެއްގެ ފައިސާ ހޭދަކުރަން ޖެހޭނެކަމަށް ޕީ.އެސް.އެމްއިން ވިދާޅުވެއެވެ.

ޕީ.އެސް.އެމްއިން ވިދާޅުވީ މިމަޝްރޫޢު އޭރު ފަށާފައިވަނީ، ކުންފުނީގައި އެކަމަށް ފައިސާ ނެތި އަދި ފައިސާ ލިބޭނެކަމުގެ ޔަޤީންކަންވެސް ނެތިކަމަށެވެ. އަދި އެ މަޝްރޫޢު ފެށުމުގެ ކުރިން ޑިރެކްޓަރުންގެ ބޯޑުން ހޯދަންޖެހޭ ހުއްދަތައް ނުލިބިކަމަށްވެސް ޕީ.އެސް.އެމްއިން ވިދާޅުވެއެވެ. މި މަސައްކަތް ޙަވާލުކުރުމުގެ ބައެއް ކަންކަން ހިނގައިފައިވަނީ ޕްރޮކިއުމެންޓް އިޖުރާޢަތްތަކާ ފުށުއަރާ ގޮތަށްކަމަށްވުމުން، މި މަޝްރޫޢު މިހާރު ކުރިޔަށް ގެންދިއުމަށް ހުރަސް އެޅިފައިވާކަމަށް ޕީ.އެސް.އެމްއިން ވިދާޅުވެއެވެ.