ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަކަމަށް މިހާރު
ޤަބޫލު ކުރެވިދާނެކަމަށް އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ
ކަންތައްތައް ބެލުމަށް ފީފާ އިން ރާއްޖެ އަށް ފޮނުއްވި މަންދޫބު އުރުގުއޭގެ
ޕްރިމޯ ކޮވާރޯ ވިދާޅުވެއްޖެއެވެ.
އިއްޔެ ހޮޓެލް ޖެންގައި ކުރިއަށްގެންދިޔަ
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނިންމާލުމަށްފަހު ނޫސްވެރިންނާ
ވާހަކަދައްކަމުން ޕްރިމޯ ވިދާޅުވީ މިކޮންގްރެސްއަކީ އެހެން ގައުމުތަކަށް ނަމޫނާ
ކޮންގްރެސްއެއްކަމަށެވެ. ފާއިތުވެދިޔަ ދެ އަހަރު ބާއްވަން މަސައްކަތްކޮށްފައިވާ
ކޮންގްރެސްތައްވަނީ ތަފާތު ހިޔާލު ތަފާތުވުންތަކާއެކު ކުރިއަށް ގެންދެވޭގޮތްނުވެފައެވެ.
ޕްރީމޯ ވިދާޅުވީ މިފަދަ ބޮޑުކަމެއް ރާއްޖޭގައި ވަރަށް ސުލްހަވެރިކޮށް އެއްވެސް
ހިޔާލުތަފާތުވުމެއް ނެތި ވަރަށް އަމާން އޮމާންކަމާއެކު ނިންމާލެވުމަކީ ރާއްޖޭގެ
ފުޓްބޯޅައަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ. ހާއްސަކޮށް ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރުމަށް
ލިބިގެންދިޔަ ވަރަށް ބޮޑު ހިއްވަރެއްކަމަށް ޕްރީމޯ ވިދާޅުވިއެވެ. އަދި ފިފާއިން
އެކިގައުމުތަކުގައި ފުޓްބޯޅަ ހަރުދާނާ ކުރުމަށް ކުރަމުންދާ މަސައްކަތާ މީގެ ކުރިން
ރާއްޖޭގެ ފުޓްބޯޅާގައި ހިނގާދިޔަ ކަންތަށްތަކާ އަޅާ ބަލާއިރު، މިކޮންގްރެސް މިހާ ސުލްހަވެރިކޮށް
ކުރިއަށް ދިއުމުން، އެހެން ގައުމުތަކަށް މިހާރުރާއްޖެ ނަމޫނާ އަކަށް
ބަލައިގަންނަން ޖެހޭކަމަށްވެސް ޕްރީމޯ ވިދާޅުވިއެވެ.
" އަލަށް އެކުލަވާލެވުނު އާ އިސްލާހުތަކާއެކު ރާއްޖެއިން މިވަނީ އެހެން ގައުމްތަކަށް ނަމޫނާ ދައްކާފަ. މިގޮތަށް އެސޯސިއޭޝަންތައް އިސްލާޙު ކުރަމުން ދާ ދަނޑިވަޅެއްގައި ރާއްޖެފަދަ، މީގެ ކުރިން މިކަންކުރުމަށް އެތަށް ހުރަސްތަކެއް ހުރި ތަނެއްގައި މިހާ ފަސޭހައިން މިކަން ކުރެވުމުން މިއީ ނަމޫނާއެއް. މިކަން އަހަންނަށް ވުރެ ބޮޑަށް މިފަރާތްތަކަށް މާރަނގަޅަށް އެނގޭނެ. އަދި މިހާރު އަހަރުމެންނަށް ފިފާއަށާއި އޭއެފްސީއަށް ރިޕޯޓް ކުރަންވެސް ވަރށް ފަސޭހަވެގެންދާނެ. މިސާލަކަށް ސްރީލަންކާގައި އާ އިސްލާޙުތަކަށް އަދިވެސް ޖެހޭނީ މަސައްކަތް ކުރަން. ރާއްޖޭގައި މިކަންތައްތައް މިހާ އޮމަންކަމާއެކު ކުރިއަށް ދިއުމުން، ލަންކާގައި މަސައްކަތް ކުރާއިރު ރާއްޖެ މިސާލަކަށް ނަގާނަން."
ޕްރީމޯ ވިދާޅުވީ
މީގެ ކުރިން ރާއްޖެއައިސް އެފްއޭއެމްއާއެކު މަސައްކަތްތަކެއް ކޮށްފައިވާކަމަށާ
އޭރުވެސް މިހާރުވެސް ރާއްޖޭގެ އެއް ނަންބަރު ކުޅިވަރަކީ ފުޓްބޯޅަކަމަށެވެ. އަދި
މިހާރު އަތޮޅު ތަކުގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތްތަށް ފޯރިގަދަކަމުން،
ފުޓްބޯޅައިގެ ފޯރި ރާއްޖޭގައި އޮތްވަރު ވަރަށް ރަނގަޅަށް ދައްކައިދޭކަމަށްވެސް
ޕްރީމޯ ވިދާޅުވިއެވެ.