ޚަބަރު

ފުލިދޫ ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދިނުމަށް ހުށަހެޅި ޤަރާރު މަޖިލީހުން ފާސްކޮށްފި


ވ.ފުލިދޫ އަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައިގެ ސަބަބުން، ރަށުގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ގުޅިގެން އެމައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ދެއްވުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ޤަރާރު މަޖިލީހުން ފާސްކޮށްފިއެވެ.

މިބިލް ދިރާސާކުރެއްވި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީގެ މުޤައްރިރު ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ރަށްގިރުގެ މައްސަލައަކީ ފުލިދުއެކޭ އެއްގޮތަށް މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަމަށެވެ. މިމައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށް ފުލިދޫ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަށްގިރުމުގެ މައްސަލަ ހައްލުކޮށް ދެއްވުމަށް ކޮމިޓީގެ މެމްބަރުން އިއްތިފާގުން ފާސްކޮށްފައިވާކަމަށް ސަލީމް ވިދާޅުވިއެވެ.

ފުލިދޫ ރަށްގިރުމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް އަވަސް ހައްލެއް ގެނައުމަށް ހުށަހެޅުނު މި ޤަރަރު މަޖިލީހުން ފާސްކޮށްފައިިވަނީ 65 މެމްބަރުންގެ ވޯޓުންނެވެ. މިވޯޓަށް މި ޤަރާރު މަޖީހަށް ހުށަހެޅުއްވި މެމްބަރު ބައިވެރިވަޑައިގެންފައި ނުވެއެވެ. މެމްބަރު އެވަގުތު ހުންނެވީ އިދިކޮޅު މެމްބަރުންނާއިއެކު، ސިޔާސީ ހަރަކާތެއްގައެވެ.

މަޖިލީހުގެ ތަޅުމުގައި ޤަރާރު ހުށަހަޅުއްވަމުން ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ވިދާޅުވީ ވ.ފުލިދޫ އާދަޔާއި ޚިލާފަށް ގިރަމުންދާތީ އެކަމުގެ ސަބަބުން ފުލިދޫގެ ތިމާވެއްޓަށް ދިމާވެފައިވާ ނާޒުކު ހާލަތުގެ ސަަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ އިޤްތިޞާދީ ގެއްލުންތަކާއި، ނޭދޭވެ އަސަރުތައް ކުރަމުންދާކަމަށެވެ.

މިކަމުގެ ސަބަބުން ރަށުގެ ތިމާވެށި ނާޒުކު ހާލަތަކަށް ވެއްޓި، ފުލިދޫ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިވެ ރައްޔިތުންގެ ގޯތިގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑުވެފައިވާކަމަށްވެސް ފަޒުލް ވަނީ ވިދާޅުވެފައެވެ.

ފުލިދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ އާއި ގުޅިގެން ރަށުގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރަށާއި، ކަމާއި ގުޅުންހުރި އިދާރާތަކަށް ފަޟުލްގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ.