ޚަބަރު

މަސްލަހަތުހިމެނޭ ނަމެއް އޮތުމުން ސީއެސްސީގެ ނަންތައް އިމްތިޔާޒާއި ސުލޫކް ކޮމިޓީއަށް


ސިވިލް ސަރވިސް ކޮމިޝަނަށް އައްޔަން ކުރުމަށް މިނިވަން މުއައްސަސާ ކޮމިޓީން ފޮނުވި ނަންތަކުގެ ތެރޭގައި ކޮމިޓީގެ މެމްބަރަކާއި މަސްލަހަތު ފުށޫއަރާބޭފުޅަކު ހިމެނުމުން އެ ރިޕޯޓް އަލުން ދިރާސާކުރުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވައިފިއެވެ.

މަޖިލީޙުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އެންމެބޮޑު އަމާޒަކީ ނަޒާހާތްތެރިކަމާއިއެކު މިނިވަން މުއައްސަސާތަކަށް އައްޔަންކުރެވޭ ބޭފުޅުން އައްޔަން ކުރުންކަމަށެވެ. ސީއެސްސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝޯޓް ލިސްޓް ކުރެއްވި ނަންތަކުގެ ތެރޭގައި ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ މެމްބަރަކާއި މަސްލަހަތު ފުށޫ އަރާބޭފުޅަކު ހިމެނޭކަމީ ޒަމީރު ގަބޫލު ކުރައްވާ ކަމެއް ނޫންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އެލިސްޓް ބެލިއިރުގައި މިމަޖިލީހުގެ އިއްޒަތްތެރި މެމްބަރެއްގެ އަދި ޚާއްސަކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރެއްގެ މަސްލަހަތު ހިމެނޭ ބޭފުޅެއްކަމަށް، އަޅުގަނޑުގެ ޒަމީރު ގަބޫލުކުރެވޭ ބޭފުޅެއް އިންނެވީތީ އަޅުގަނޑު އެދެނީ ސުލޫކާއި އިމްތިޔާޒު ކޮމިޓީން އަދި އެއްފަހަރު މިކަން ބައްލަވައި ދެއްވުމަށް. މިމަޖިލީހަށް ރައްޔިތުންގެ އިތުބާރު ބޮޑުވަނީ ވަކި އަތަކަށް ނުބަލައި މަޤާމުތަކަށް ގާބިލް ބޭފުޅުން ކަނޑައަޅަމުންދާތީ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މިހާރު ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވާފައިވާ ރިޕޯޓް އަލުން ދިރާސާކޮށް މިކަމުގައި ގޮތްތަކެއް ކަނޑައެޅުމަށް މަޖިލީހުގެ ރައީސް ވަނީ މި ރިޕޯޓް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއަށް ފޮނުވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންނާއި އިންޓަވިއު ކުރުމުގެ މަރުހަލާއަށްފަހު ކޮމިޓީއަށް ފެންނަ އެންމެ ރަނގަޅު ނަންތަކުގެ ގޮތުގައި 15 ބޭފުޅެއް ނަންވަނީ ތަޅުމަށް ފޮނުވާފައެވެ. މިދިޔަ ހަފްތާގެ ބުދަދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކާ ގުޅިގެން ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮމިޓީން މިހާގިނަ ބޭފުޅުންގެ ނަންތަކެއް ތަޅުމަށް ފޮނުވަން ނިންމާފައިވަނީ މިބޭފުޅުންނަކީ މިމަޤާމަށް ވަރަށް ޤާބިލް ބޭފުޅުންކަން ކޮމިޓީގެ އިންޓަރވިއު މަރުހަލާގައި މެމްބަރުންނަށްވެސް ފާހަގަވުމުންކަމަށެވެ.

މި 15 ބޭފުޅުންގެ ތެރޭގައި މިދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅުންނާއި، ތަޢުލީމީގޮތުން މަތީ ފާސްތަކާއި ތަޖުރިބާހުރި ބޭފުޅުން ހިމެނެއެވެ. އޭނާ ވިދާޅުވީ ކޮމިޓީން 15 ނަމެއް ތަޅުމަށް ފޮނުވަން ފާސްކުރި ނަމަވެސް ކޮމިޓީން ތަރުތީބުކޮށްފައިވަނީ ކުރިމަތިލުމަށް މަޖިލީހަށް ސިޓީ ފޮނުވާފައިވާ ލިސްޓުގެ ތަރުތީބުންކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާ 15 ބޭފުޅުން

1- މަރިޔަމް މުނާ / މ. ބާރަނާގެ، ކ.މާލެ
2- މުޙައްމަދު ޝަރީފް / ފުސަތުޅާގެ، ގދ.ތިނަދޫ
3- އިބްރާހިމް ރަޝީދު / ބްލެކް، ރ.މީދޫ
4- މުނާ މުޙާއްމަދު / މ. ބަބުނަ، ކ.މާލެ
5- އަޖްވަދު ޢަލީ / ގ. ބްލޫ ވޭލް
6- މުޙައްމަދު ފަރުޞަތު / ހ.ޓޫހާޓްސް
7- ރިފާހަތު ފަރުޙަތު / ގ. ވެގާ2
8- ޝުހުދާ ރިޟްވާން / ފްލާވަރމީޑް، ސ.މީދު
9- މަރިޔަމް ޝެނީން / މއ. ފޮސީތިއާ
10- ޢާއިޝަތު ޝާހީން / މއ. ވިލާރޯދި
11- މުޙައްމަދު ނަޞީރު / މ.ފުންފިނި
12- ރަޝީދާ ޢަލީ / ގ. ޖަނަވަރީމާގެ
13- މުޙައްމަދު ނާޞިހް / ގ. ފަލްކަންގެ
14- އަޙްމަދު މޫސާ / ހ. އަމްސާވިލާ
15- ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރަކު ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާ ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. 5 މެންބަރުން ހިމެނޭ ސީއެސްސީގައި މިހާރު އިންނަވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާޠިމަތު އާމިރާ އެކަންޏެވެ.