ޚަބަރު

ކޯވިޑް-19 : އަދަދު މަދެއްނުވޭ، މިއަދުވެސް 140 މީހަކު ޕޮޒިޓިވްވި


ރާއްޖޭން ކޯވިޑް-19 އަށް އިތުރު 140 މީހުން ޕޮޒިޓިވްވެ، ބަލި ޖެހުނު މީހުން ޖުމްލަ ޢަދަދު 7469 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭ މާލެ ސަރަޙައްދު 134 މީހަކާއި، އަތޮޅު ތެރެއިން 6 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވި މީހުން ތެރޭގައި ހިމެނެނީ 114 ދިވެހިންނާއި، ބަންގްލަދޭޝްގެ 17 މީހަކާއި އިންޑިއާގެ 3 މީހަކާއި، ނޭޕާލްގެ 2 މީހަކާއި، އެމިރޭޓްގެ 2 މީހަކާއި ކެންޔާ މީހަކާއި ފްރާންސް މީހެކެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 182 މީހެކެވެ. މިއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 4873 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 28 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 21 ދިވެހިންނާއި 7 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ބާރު ސްޕީޑެއްގައި ފެތުރޭއިރު، ބައްޔަށް ފަރުވާ ދިނުމަށް ސިއްޙީ އެހީތެރިން މަދުވަމުންދާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ހުރި ކޯވިޑް-19ގެ ބަލި މީހުންނަށް ފަރުވާދޭ ފެސިލިޓީތަކަށް އަތޮޅުތަކުން ސިއްޙީ އެހީތެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެ ސެންޓަރުން ވިދާޅުވެއެވެ.