ޚަބަރު

ރައްޔިތުންގެ ހައްޤުގައި ދެވަނަ ފުރަބަންދަކަށް ދާންޖެހިއްޖެނަމަ އެކަންވެސް ކުރާނަން - ރައީސް


ކޯވިޑް-19 ކޮންޓްރޯލްނުކުރެވި ފެތުރެމުންދާނަމަ މުޅި ރައްޔިތުންގެ ސަލާމަތާއި ރައްކަލަށްޓަކައި ދެވަނަ ފުރަބަންދަކަށް ދާންޖެހިއްޖެނަމަ އެކަން ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ފެތުރޭ މިންވަރާއި، ބަލީގައި ފަރުވާ ހޯދަންޖެހޭ މިންވަރު އިތުރުވަމުންދާތީ ފުރަބަންދަކަށް ދިއުމާއިމެދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ފުރަބަންދަކަށް ދިއުމަކީ ވަރަށްބޮޑު އުގަދޫ ދަތިކަމެއް ރައްޔިތުން ތަހައްމަލްކުރަންޖެހޭ ކަމެއްކަން މިހާރު ތަޖުރިބާ ކުރެވިފައިވާކަމަށެވެ.

ޞިއްޚީ ގޮތުން އޮތް ބޮޑު ގޮންޖެހުމާއިއެކު ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް މިހާލަތުގައި ހުރިހާ ރައްޔިތުންވެސް ބޯލަނބައި އިޖާބަ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ އިލްތިމާސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލްނުވެ ޞިއްޚީ ބޭފުޅުން ފުރަބަންދަކަށް ދާން ލަފާދެއްވައިފިނަމަ މުޅި ރައްޔިތުންގެ ހައްގުގައި އެކަންވެސް ކުރައްވާނެކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާކަމަށް ޞިއްޚީ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ކޮންޓްރޯލްނުވެ އިތުރަށް ގޯސްވަމުންދާނަމަ ދެވަނަ ފުރަބަންދަކަށް ދާންޖެހިދާނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީންވެސް ވަނީ ވިދާޅުވެފައެވެ.

އެޗް.އީ.އޯ.ސީން ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި މައިގަނޑުގޮތެއްގައި ބަލާ ކަންކަމާއި، ފިޔަވަޅުތައް ވަރުގަދަކުރުމުގައި މިންކުރުމަށް ބޭނުންކުރާ ޢުޞޫލުތަކުގެ ތަފްޞީލު ހިއްސާކުރައްވާފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގައި ބަލާ މައިގަނޑު ކަންތައްތަކަކީ:
- ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ އިންސައްތަ
- ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރާ މީހުންގެ އިންސައްތަ
- ޕޮޒިޓިވްވާ މީހުންގެ ޖުމްލަ ޢަދަދު ދެގުނައަށް މަތިވާން ނަގާ މުއްދަތު
- އެއްވެސް ކްލަސްޓަރއަކާއި ގުޅުމެއްނެތް ކޭސްތައް ފެންނަ މިންވަރު
- ކޮންމެ ހަފްތާއަކު ނިޔާވާ މީހުންގެ ޢަދަދު

މިއިން ކޮންމެ ދާއިރާއެއްވެސް 3 ދަރަޖައަކަށް ވަނީ ބަހާލާފައެވެ. އަދި ޙާލަތަށް ބަލައި މިއިން ކޮންމެ ދާއިރާއަކަށްވެސް 2،1 ނުވަތަ 3 ގެ ސްކޯރއެއް ދިނުމަށްފަހު، ޖުމްލަ ސްކޯރވެސް 3 ދަރަޖައަކަށް ބަހާލާފައެވެ.

އެގޮތުން ފަހަކަށްވުރެ ސްކޯރ ދަށްވެއްޖެކަމަށްވާނަމަ އެއީ ރަނގަޅު ޙާލަތެއްކަމަށާއި، 5 - 10 އާ ދެމެދު ސްކޯރ ހުންނަކަމަށްވާނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަންޖެހޭކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އަދި ސްކޯރ 10 އަކަށްވުރެ މައްޗަށް އަރައިފިނަމަ، އޭގެ މާނައަކީ ޙާލަތު ވަރަށް ގޯސްވެފައިވާކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭނެކަމަށެވެ.