ޚަބަރު

ތަކުރާރުކޮށް ޤާނޫނުތަކާއި ޚިލާފްވުމުން ޕީޕީއެމް/ޕީއެންސީ 150،000 ރުފިޔާއިން ޖޫރިމަނާކޮށްފި


ސިޔާސީ ޕާޓީގެ ޤާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، އާންމު ސިޔާސަތު ރައްކާތެރިކުރުމުގެ ޤާނޫނާއި ތަކުރާރުކޮށް ޚިލާފްވެފައިވާތީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަން 150،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އ

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީތަކުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅައި ޚާއްސަ ޤާނޫނެއް އެކުލަވާލާފައިވާކަމަށެވެ. ކޮންމެ ސިޔާސީ ޕާޓީއެއްވެސް ޤާނޫނަށް ފުރިހަމައަށް ބޯލަނބަންޖެހޭއިރު، އެކި ހަރަކާތްތަކާއި ގުޅިގެން ޚާއްސަކޮށް މިހާލަތުގައި އެޗްޕީއޭއިން އަންގާ އެންގުންތަކަށް ބޯލެނބުމަކީ ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ ކަމެއްކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިހާލަތުގައި، ޤާނޫނުތަކާއި ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަން އެކި ފަހަރުމަތިން ތަކުރާރުކޮށް އެންގި ނަމަވެސް އެކަމަށް ބޯނުލެބުމާއި ގުޅިގެން މިއަދު ޕީޕީއެމްއާ ޕީއެންސީ މިއިން ކޮންމެ ޕާޓީއަށް 75،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

"ސިޔާސީ ޕާޓީގެ ޤާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، އާންމު ސިޔާސަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާއި ތަކުރާރުކޮށް ޚިލާފްވުމާއި، ގުޅިގެން ޕީޕީއެމް އާއި ޕީއެންސީ، މިއިން ކޮންމެ ޕާޓީއެއް 75،000 ރުފިޔާއިން ޖޫރިމަނާކޮށްފި" އިލެކްޝަން ކޮމިޝަންގެ ޓްވީޓްގައި ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މަނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ނޫނީ ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅައި އެކަން ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް ހޯމް މިނިސްޓްރީންވަނީ އަންގަވާފައެވެ.