ޚަބަރު

އީސީގެ މުވައްޒަފުންނަށް ބިރުދައްކައި، ހަޑިހުތުރު ބަހުން މުޢާމަލާތް ކުރުން ހުއްޓާލުމަށް ގޮވާލައިފި


އީސީގެ މުވައްޒަފުންނަށް ބިރުދައްކައި، ހަޑިހުތުރު ބަހުން މުޢާމަލާތް ކުރުން ހުއްޓާލުމަށް އެކަން ކުރާ ފަރާތްތަކަށް އިލެކްޝަން ކޮމިޝަނުން ގޮވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ޢަމަލުކުރަމުންދާއިރު، ސޯޝަލް މީޑިއާ އާއި އެހެނިހެން ގޮތްގޮތަށް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންނަށް ބިރުދައްކައި، ހަޑިހުތުރު ބަހުން މުޢާމަލާތް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަން މިހިނދުން މިހިނދަށް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

"އިލެކްޝަން ކޮމިޝަނަކީ އިންތިޚާބުގެ ކަންކަން ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައް މަގުފަހިކުރުމާއި އަދި އިންތިޚާބުތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭގޮތަށްކަން ކަށަވަރު ކުރުމަކީ ވެސް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ޔަޤީންކުރާ ކަމެއް" އީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޤާނޫނު އަސާސީގެ 167 ވަނަ މާއްދާގެ ދަށުން، އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެއްކަމާއި، އެކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ އިލެކްޝަންސް ކޮމިޝަނާއި އެއްގޮތްވާގޮތުގެ މަތިންކަމުގައި ބަޔާންކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ޤާނޫނީ ޒިންމާ އަދާކުރަމުންދަނީ ޤާނޫނު އަސާސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެ މަތިންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި އުފައްދާ ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމާއި، ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމާއި، ޕާޓީތައް ރެގިއުލޭޓް ކޮށް، ޕާޓީތަކާމެދު ފިޔަވަޅު އެޅުމުގެ ޤާނޫނީ ޒިންމާ އާ ޙަވާލުވެ ތިބެ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ސިޔާސީ ޕާޓީތަކާމެދު ޢަމަލުކުރަމުންދަނީ ހަމަހަމަކަމާއެކު ވަކި ސިޔާސީ ފިކުރަކަށް ތަފާތުކުރުމެއްނެތިކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.