މިދިޔަ އަހަރުގެ މޯލްޑިވްސް އޯޕަން ރާޅާ
އެޅުމުގެ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަން ޖަޕާންގެ ރިނާ ކިޓަޒާވާ މާލެ އަތުވެއްޖެއެވެ.
ޖަޕާންގެ ރިނާ ކިޓަޒާވާ ރޭ މާލެ އައިސްފައިވަނީ މިމަހުގެ ތޭރަވަނަ ދުވަހު ފެށުމަށް
ހަމަޖެހިފައިވާ މޯލްޑިވްސް އޯޕަން ރާޅާ އެޅުމުގެ މުބާރާތުގައި ވާދަކުރުމަށެވެ. ޝޯޓް ބޯޑް
ބައިން ރީނާ މިދިޔަ އަހަރު އެއްވަނަ ހޯދާފައިވާއިރު މިއަހަރުވެސް އެމަގާމް
ދިފާޢުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށް ރިނާ ކިޓަޒާވާ ބުނިއެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ރިނާ ކިޓަޒާވާ ބުނީ މިދިޔަ އަހަރުގެ ޗެމްޕިއަންގެ
ގޮތުގައި މިއަހަރު މުބާރާތާ ކުރިމަތިލާން ޖެހުމުން އިތުރު ޕްރެޝަރެއް
ކުރިމަތިވާކަމަށެވެ. ޗެމްޕިއަންކަން ހޯދުމަށްވުރެ ޗެންޕިއަންޝިޕް ދިފާޢުކުރުން މާއުނދަގޫވާނެކަމަށް
ރިނާ ކިޓަޒާވާ ބުނިއެވެ. ރީނާ ބުނީ މުބާރާތް ތޭރަވަނަ ދުވަހު ފެށިނަމަވެސް މިހާ
އަވަހަށް ރާއްޖެ މިއައީވެސް ފަރިތަކޮށްލާ، އެސަރަހައްދުގެ ރާޅުތަކަށް ހޭނެލުމަށްކަމަށެވެ.
މޯލްޑިވްސް އޯޕަން އަކީ މޯލްޑިވްސް
ބޮޑީބޯޑިން އެސޯސިއޭޝަނުން އިންތިޒާމް ކުރާ މުބާރާތެކެވެ. އޭޝިއަން ސާފިން
ޗެމްޕިއަންޝިޕްގެ އެހީގައި ކުރިއަށްގެންދާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ސަނީ
ސައިޑް އޮފް ލައިފްއެވެ. މިއީ މޯލްޑިވްސް އޯޕަން ބާއްވާ ދެވަނަ ފަހަރުއެވެ. މިމުބާރާތް
ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތޭރައިން ސޯޅައަށް އަދާރަން ހުދުރަންފުށީގެ
ޅޮހީ ސާފް ބްރޭކްގައެވެ.