ޚަބަރު

ފުލުހުންގެ އެންމެ އަސާސީ ސިފައަކީ މުއައްސަސާއާއި ވަޠަން ދެކެ ލޯބިވުން: މިނިސްޓަރ އިމްރާން


ފުލުހުންގެ އެންމެ އަސާސީ ސިފައަކީ މުއައްސަސާ އާއި ވަޠަން ދެކެ ލޯބިވުން ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހާ ގުޅިގެން މުވައްޒަފުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ކޮންމެ އިންސާނީ މުޖުތަމައެއްގައި އެމުޖުތަމައު ބިނާވެފައި އޮންނަ ވަކި ހާއްސަ އަސާސްތަކެއް ނުވަތަ ބަހާތަކެއް އޮންނާނެކަމަށެވެ. އެއަސާސްތަކާއި ބަހާތައް ނެގެހެއްޓުމަށް ވަކި ހާއްސަ ބަޔަކަށް ހަވާލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ނަމަ އެއީ ދިވެހި ފުލުހުންނާ ސިފައިންކަން ފާހަގަކުރައްވައި، އެ ދެ މުއައްސަސާ އާއި ނުލައި މި ލޮބުވެތި ވަޠަންގެ ބަހާތައް ދެމެހެއްޓިގެން ނުދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހަމައެއާއެކު މުސްތަގިއްލު މިނިވަންކަމާއެކު ދެމިއޮންނަ ކޮންމެ މުޖުތަމައެއްގައި އަސާސީ އެއް ސިފައަކީ ވަޠަން ދެކެ ލޯބިވުންކަމަށާއި މިފަދަ މުއައްސަސާއެއްގެ ކޮންމެ މުވައްޒަފެއްގެ އެންމެ އަސާސީ ސިފައަކީ މުއައްސަސާއާއި ވަޠަން ދެކެ ލޯބިވުންކަމަށް ވިދާޅުވިއެވެ.

އަމިއްލަ ނަފްސަށް ވުރެ، އަމިއްލަ މަސްލަހަތަށްވުރެ މުއައްސަސާގެ މަސްލަހަތާއި ލޯބި އިސްކުރެވިގެން ނޫނީ މުއައްސަސާގެ ހަގީގީ ދަރިއަކަށްވުމުގެ ސިފަ ފުރިހަމަ ނުވާނެކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ މިފަދަ މުއައްސަސާއެއްގައި މަސައްކަތްކުރާ ކޮންމެ ފަރުދެއްގެ ކިބައިގައި އެސިފަ އިސްވާނެކަމަށާއި މިފަދަ މުއައްސަސާތަކަށް ގައުމީ ނުވަތަ ވަޠަނީ މުއައްސަސާތަކޭ ކިޔަނީ އެހެންވެކަމަށެވެ. އެހެންކަމުން މިފަދަ މުއައްސަސާއެއްގައި 25 އަހަރު 20 އަހަރު ހޭދަކުރެއްވުމަކީ ބޮޑުކަމެއްކަމަށާއި އޭގެ އަގު ވަޒަންކުރަންޖޭކަމަށް ވިދާޅުވެ، ދިގު މުއްދަތެއްގައި ހިދުމަތްކުރެވި މުވައްޒަފުންނަށް ސަރުކާރާއި ރައްޔިތުންނާއި މިނިސްޓަރުގެ އަމިއްލަ ނަންފުޅުގައި ޝުކުރު އަދާކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވަނީ ފުލުހުންގެ ހިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށާއި ފުލުހުންގެ ހިދުމަތަށް 20 އަހަރަށްވުރެ ދިގު މުއްދަތެއް ހިދުމަތްކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުމާއި ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ މުވައްޒަފުންނަށް "ފުލުހުންގެ ވަޒީފާއިން ރިޓަޔަރކޮށް، އިނާޔަތް ހަމަޖެއްސެވި ޗިޓް" އަދި ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގައި ލިބިލައްވާފައިވާ ކުލައާ މެޑަލް ހަވާލުކޮށްދެއްވާފައެވެ.

އެގޮތުން ފުލުހުންގެ ހިދުމަތުގައި 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ 21 ފުލުހަކަށް ހަނދާނީ ލިޔުން ދެއްވާފައިވާއިރު މި ފުލުހުންނަށް ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲއެވެ.

ފުލުހުންގެ ހިދުމަތުގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ 47 ފުލުހުންނަށް ހަނދާނީ ލިޔުމާއި، ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ތިން ފުލުހުންނަށް " ފުލުހުންގެ ވަޒީފާއިން ރިޓަޔަރކޮށް، އިނާޔަތް ހަމަޖެއްސެވި ޗިޓް" އަދި ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި މުއްދަތުގައި ލިބިލައްވާފައިވާ ކުލައާ މެޑަލް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް މުޙައްމަދު ހަމީދެވެ.

ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާއެކު ރިޓަޔަރކުރައްވާފައިވާ މުވައްޒަފުންނަކީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއް ނާސިރު ޔޫސުފް އާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ސައީދު އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ވަހީދެވެ.