ޚަބަރު

އެކަހެރިވުމަށް އަންގާ އަމުރާ ޚިލާފުވެގެން ފުރަތަމަ ފަހަރަށް މީހަކު ޖޫރިމަނާކޮށްފި


އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި ބެހޭ ޤަވައިދާއި ޚިލާފުވި ފުރަތަަމީހާ 2500 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި ބެހޭ ޤަވައިދާއި ޚިލާފްވެގެން ޖޫރިމަނާކޮށްފައި ވަނީ ކ.ގުރައިދޫގައި ހޯމް ކަރަންޓީންގައި ހުރުމަށް އެންގި 39 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިއީ އެކެހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއިބެހޭ ޤަވައިދަށް ފުރަތަމަ އިސްލާހް ގެނެވި އެޤަވާއިދުގެ ތެރެއަށް އަލަށް އިތުރުކުރި 13 ވަނަ މާއްދާގެ ށ ގެ ދަށުން މިގޮތަށް ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.

މި ގަވާއިދުގައި ބުނެފައިވަނީ ކަރަންޓީން ކުރާ މަރުކަޒުތަކާއި އެކަހެރިކޮށް ބަހައްޓާ މަރުކަޒުތައް ކަނޑައެޅުމުން ނުވަތަ އެކަހެރިކޮށްފައި ބަހައްޓައިގެން ފަރުވާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން އެކަމަށް އިޖާބަދޭންޖެހޭނެކަމަށެވެ. އަދި އެކަމަށް އިޙްތިރާމްކޮށް ސިއްޙަތުގެ ނުރައްކާ ކޮންޓްރޯލްކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލި ކޮންޓްރޯލްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ކޮންމެމީހަކުވެސް އެއްބާރުލުންދީ އިޖާބަދޭން ޖެހޭނެކަމަށެވެ.

މި ޤަވާއިދުގައިވާގޮތުން އެކަހެރިވުމަށް އެންގުމުން އެކަމާއި ދެކޮޅުހަދާ ހުރަސްއެޅުމަކީ ޤާނޫނީ ކުށެކެވެ. މި އަމުރާއި ޚިލާފުވާ ފުރަތަމަ ފަހަރު 2500 ޖޫރިމަނާ ކުރާނެކަމަށް ޤަވާއިދުގައިވަނީ ބުނެފައެވެ. އަދި ދެވަނަ ފަހަރު 3500 ރުފިޔާއިން އަދި އަމުރާ ޚިލާފުވާ ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 5000ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ޤަވައިދުގައިވަނީ ބުނެފައެވެ.

ކަރަންޓީނު ކުރެވޭ ނުވަތަ އެކަހެރިކުރެވޭ ފަރާތްތަކުން ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.