ޚަބަރު

މަރުހޫމް ޙުސައިން މުޙައްމަދުގެ ހަނދާނުގައި މަޖިލީހުގައި ތައުޒިޔާގެ ދަފްތަރެއް


އަލްމަރުޙޫމް ހުސެއިން މުޙައްމަދު އަވަހާރަވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާލުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަރުހޫމް ހުސެއިން މުހައްމަދަކީ މަޖިލީހުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ވަރަށް ހެޔޮ އަޚުލާގެއްގެ ވެރިއެއްކަމަށެވެ. އަދި ކޮންމެ ކަމެއްގައިވެސް މަޝްވަރާގެ ތެރެއިން ކަންކަން ކުރެއްވުމަށް ވަރަށްބޮޑަށް ބާރު އެޅުއްވި ބޭފުޅެއްކަމަށެވެ.

މަރުހޫމް ހުސެއިން މުހައްމަދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވާލާނީ މިއަދުން ފެށިގެން މިހަފްތާގެ ނިޔަލަށް އާންމުންނަށްވެސް ސޮއިކުރެވޭ ގޮތަށް މަޖިލީހުގައި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މިއަދުގެ ޖަލްސާ ފެށުމުގެކުރިން މަރުހޫމް ހުސެިން މުހައްމަދުގެ ހަނދާނުގައިވަނީ ހަމަހިމޭންކަމުގެ ސުކޫތެއްވެސް ގެނެސްފައެވެ.

ހުސައިން މުހައްމަދަކީ މަޖިލީހުގެ މެންބަރުކަމުގެ އިތުރަށް ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއާއި މީޑިއާގެ ދާއިރާއިން ޓީވީ މޯލްޑިވްސްގެ އިސްމަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އީ.ޑީ.ސީ.ގެ އެކިއެކި މަޤާމުތަކާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރކަން ކުރެއްވިއެވެ.

އަދި ޓެލެވިޜަން މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ކަމުގެ މަޤާމާއި ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަގާމުގެ އިތުރުން ޓީވީއެމްގެ އެންމެ އިސްވެރިޔާގެ މަޤާމުވެސް ޙުސައިން މުޙައްމަދު އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެއަޑާއި އާފަތިސް ނޫހުގައިވެސް ގިނަ ދުވަސްތަކެއްވަންދެން ބޭރުދުނިޔޭގެ ޚަބަރުތައް ލިޔުއްވާފައިވެއެވެ.

ސިޔާސީ ދާއިރާގައިވެސް އެމަނިކުފާނު ވަނީ ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރައްވާފައެވެ، އެގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްސަފުގައި ޙުސައިން މުޙައްމަދު ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވީ 2005ގައެވެ. އެގޮތުން ދިވެހި ރައްޔިތުންގެ ޕާޓީ އުފެއްދެވުމާއެކު އެޕާޓީގައި ރައީސް މައުމޫނާއެކު މަސައްކަތް ފެއްޓެވިއެވެ.

އެމަނިކުފާނުވަނީ ވިދިވިދިގެން 3 ދަޢުރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. އެގޮތުން 2005 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަންކުރައްވައި، 2009 އަހަރުން ފެށިގެން 2019 ވަނަ އަހަރާހަމައަށް 17ވަނަ ރައްޔިތުންގެ މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރުކަން ކުރެއްވީ ޙުސައިން މުޙައްމަދުއެވެ.